މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ބަރުބަރީ މިސްކިތް މިމަހުގެ 16ވަނަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ނިންމާފައެވެ.
ވަޒީރު ވިދާޅުވީ ވިލި މާލެ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެކަމަށެވެ. ރަމަޟާން މަސް ކައިރި ވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދަތިވެދާނެތީކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ދެމިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ސްޕޮންސަރ ވަނީ ލިބިފައެވެ. ދެން މާލެ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެކަމަށާއި މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމިސްކިތުގެ މަސައްކަތް އަންނަ އަހަރު ރޯދައަށް ނިމޭން ކަމަށާއި ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެ ކަމަށް ވަޒީރު ޑރ. ޝަހީމު ވިދާޅުވއިެވެ.