އަތޮޅުތަކުގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ހުނަރުވެރި ހަރަކާތްތައް ހިންގުމަށާއި އިންތިޒާމުކުރުމަށް މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާކަމަށެވެ. އަދި އިތުރު 9 ރަށެއްގައިވެސް ޔޫތު ހަބު ޤާއިމުކުރުމަށް ބިން ހަމަޖައްސައި، އެކަމުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޔޫތު ހަބުތައް ފަރުމާކުރާނީ ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތަށް ހިންގުމާއި، ޒުވާނުންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް ގާއިމުކުރެވޭނެހެންނެވެ. އަދި ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް ފޯރުކޮށްދެވޭނެ ތަނެއްގެ ގޮތުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.
• ގއ. ވިލިނގިލި
• ހއ. ދިއްދޫ
• އދ. މަހިބަދޫ
• ބ. އޭދަފުށި
• ދ. ކުޑަހުވަދޫ
• ފ. ނިލަންދޫ
• ޅ. ނައިފަރު
• ރ. އުނގޫފާރު
• ލ. ފޮނަދޫ
2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނަށް ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކުރުމަށް މާލޭގައި ޔޫތު ހަބެއް ޤާއިމުކޮށް ހުޅުވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޔޫތު ހަބުގައި ޤާއިމުކޮށްފައިވާ ފެސިލިޓިތައް ބޭނުންކޮށްގެން އިންތިޒާމުކުރި ހަރަކާތްތަކުގައި 680 ޒުވާނުން ބައިވެރިވެފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރާކަމަށެވެ. މީގެ ތެރެއިން، ޒުވާނުންނަށް އަމާޒުކޮށް ޔޫތު ޕާލިމަންޓް ފަދަ ހަރަކާތްތަކާއި، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ޒުވާނުން އަލުން މުޖުތަމަޢަށް ނެރުމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އަހަންމިއްޔަތުދޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ކުރިން ޒުވާނުންގެ މެދުގައި ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ޒުވާނުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައިކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.