ރާއްޖޭގެ ސިއްޙީ ނިޒާމުގައި ރަނގަޅުކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުރިއިރު، އާންމުންގެ ޝަކުވާއާއި އެންމެ ބޮޑަށް ގުޅިފައިވާ އެއްކަމަކީ ނިޒާމީގޮތެއްގެ ތެރެއިން ދަތިކަމެއް ނެތި ބޭސް ލިބުމުގައި ހުރި ޝަކުވާއެވެ. މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުންވަނީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ބޭސް އެތެރެކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދާފައެވެ.
ސިއްޙީ ދާއިރާގައި ހުރި ގިނަ މައްސަލަތަކަކީ އެއްވަގުތެއްގައި ހައްލުކުރެވޭނެ މައްސަލަތަކެއް ނޫނެވެ. އެކި ފަރާތްތަކާއި ގުޅިގެން އިތުބާރާއި ޔަގީންކަމުގެ ތެރެއިން ޤާއިމުކުރެވޭ ހަރުދަނާ ނިޒާމެއްގެ ތެރެއިން ނޫންގޮތަކަށް ސިއްޙީ ދާއިރާގައި ހުރި މައްސަލަތަކަކަށް އެދެވޭ ޙައްލެއް ގެނެވޭނެ ގޮތެއް ނެތެވެ. ފެށުނީއްސުރެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރެވިފައި ނެތުމުގެ ސަބަބުން ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ބޭހުގެ ރައްކާތެރިކަން ޔަގީންކުރުން ފިޔަވާ މާބޮޑެތި ކަންކަމެއް ބެލިފައި ނެތްކަމީ ހަގީގަތެކެވެ.
އާސަންދައިގެ ތެރެއިން ބޭހާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ހުރިނަމަވެސް އެއީ އާންމުންނަށް އެނގިގެން ހިނގަމުންދިޔަ ކަންކަމެއް ނޫނެވެ. ނަތިޖާއެއްގެ ގޮތުން އާސަންދައިގެ ޚަރަދުތައް ދެކޮޅު ނުޖެހޭގޮތެއްގައި ބޮޑުވަމުންދިޔުމުގެ ކަންބޮޑުވުން ވޭތުވެދިޔަ ސަރުކާރުތަކުގައިވެސް އޮތެވެ. އެކަމަށް ހައްލެއް ގެނައުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރިނަމަވެސް މައްސަލަ ހައްލުކުރުމަށް ނިންމާ ސާބިތުކަމާއެކު ބޮޑެތި ފިޔަވަޅުތަކެއް އެޅީ މިފަހަރެވެ.
އެހެން ޤައުމުތަކާ އަޅާބަލާއިރު، މަދު އާބާދީއެއް ހިމެނޭ ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޮޑު ޚަރަދެއް ހޭދަވާއިރު އެކަމަށް ހައްލެއް ގެނައުމަށް، ބަލްކް ޕްރޮކިއުމަންޓް އުސޫލުން އަވައްޓެރި ޤައުމުތަކާއި ގުޅިގެން ސަރުކާރުން މަސައްކަތް ފެށިއެވެ. އަދި ބޭސް އެތެރެކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދާ، މީގެކުރިން އެސްޓީއޯގެ ދަށުން އެތެރެކުރަމުންދިޔަ ބޭހާއި އެނޫންވެސް ޒަރޫރީ ހުރިހާ ބޭހެއް އެކުންފުނީގެ ދަށުން ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
ބޭސް އެތެރެކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ހުރިހާ ބޭހަކާއި މިވަގުތު ލިބެން ނެތް އެތައް ބޭހެއް މިކުންފުނީގެ ދަށުން ލިބިގެންދާނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރުގެ އެޕްރީލް މަސް ނިމުމުގެ މި ބޭސްތައް ލިބެންފަށާނެ. އަދި ޒިންމާދާރުކަމާއެކު ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ފާރމާއިން މިހާރު ވަނީ ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު މަސައްކަތް ފަށާފައި. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ ގޮތުން ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް މިއަހަރު ތެރޭގައި ކަށަވަރު ކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
ބޭސް އެތެރެކުރުމަށް އުފައްދާފައިވާ ކުންފުނިން މިހާރުވަނީ ރާއްޖެއަށް ލިބުން ދަތިވެފައިވާ 400 އެއްހާ ބޭސް ގެނައުމަށް ރާއްޖެއިން ބޭރަށް އޯޑަރު ފޮނުވާފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ބޭހުގެ ކަންކަން އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ޙިދުމަތެއް، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ ކޯލް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު އަތޮޅުތަކުގެ ރަށްތަކަށް މެދު ނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މަސައްކަތްކުރަމުންދާކަމަށް ސްޓޭޓް ފާރމާއިން ވިދާޅުވެއެވެ.