ޚަބަރު

"އަތޮޅުތަކުން މަތީ ތަޢުލީމަށް ފުރުޞަތު ފަހިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިއްމު ފިޔަވަޅެއް"


  • 16 އަތޮޅެއްގައި އެމްއެންޔޫގެ 26 މަޝްރޫޢެއް

  • 10 އަތޮޅެއްގައި އައިޔޫއެމްގެ 12 މަޝްރޫޢެއް

  • އެކި ދާއިރާތަކުން 852 ސްކޮލަޝިޕްގެ ފުރުޞަތު

ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށް މުޅި ރާއްޖޭގައި މަތީ ތަޢުލީމް ފުޅާކޮށް ކޮންމެ އަތޮޅަކުންވެސް ކިޔެވުމުގެ ފުރުޞަތު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމުގައި އަޅަންޖެހޭ މުހިއްމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިންނަށް ޚާއްސަ ދާއިރާތަކުންނާއި އިތުރު ފަންނީ ދާއިރާތައް ހިމެނޭހެން މިދިޔަ އަހަރު ޕޮލިޓެކްނިކްއިން ތަމްރީން ޕްރޮގްރާމްތައް ހިންގަން ފަށާފައިވާކަމަށް ފާހަގަކުރައްވާފައެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތަައް ތަރައްޤީކުރުމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ޤައުމީ ތަރައްޤީގެ އެކި އެކި ދާއިރާތަކަށް އަމާޒުކޮށް 852 ސްކޮލަޝިޕްގެ ފުރުޞަތު ދީ 880 ލޯނު ދީފައިވާކަން ހާމަކުރައްވާފައެވެ.

މަދަރުސީ ނިޒާމްގެ ތެރެއިން ކުރިއަށްގެންދާ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮގްރާމްތައް މުރާޖާކޮށް އިޤްތިޞަދީ ދާއިރާއަށް ބޭނުންވާ މަސައްކަތްތެރިން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަތީސާނަވީ ފުޅާކޮށް މަސްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމުގެ ގޮތުން މަތީ ސާނަވީ މަރުހަލާގައި ވޮކޭޝަނަލް އެޑިއުކޭޝަންގެ ސްޓްރީމް ތަޢާރަފްކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޮކޭޝަނަލްހައި ސްކޫލްއެއް ޤާއިމްކޮށްފަިއވާކަމަށާއި އެއީ ޤައުމުގެ އިންސާނީ ރައުސުލުމާލު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިއްމު ބައެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ހިނގަމުން މިދާ ދިރާސީ އަހަރު ސްކޫލްގެ މަސައްކަތް ފުޅާކޮށް ޤައުމަށް ބޭނުންވާ ދާއިރާތަކުން އިތުރަށް ދަރިވަރުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖހެިފައިވާކަމަށެވެ.

"މީގެ އިތުރުން ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށް މުޅި ރާއްޖޭގައި މަތީތަޢުލީމް ފުޅާކޮށް ކޮންމެ އަތޮޅަކުންވެސް ކިޔެވުމުގެ ފުރުޞަތު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމުގައި އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން މަތީ ތަޢުލީމާއި ތަމްރީން ދޭ ސަރުކާރުގެ މުއައްސަސާނެތް ހުރިހާ އަތޮޅެގައި މަތީ ތަޢުލީމްގެ ކެމްޕަސް ތަރައްޤީކުރުމުގެ މަސައްކަތް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވަނީ ފަށާފައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މަތީ ތަޢުލީމްގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތަފާސްހިސާބު ހިއްސާކުރައްވާ ރައީސް ވިދާޅުވީ 16 އަތޮޅެއްގައި އެމްއެންޔޫގެ 26 މަޝްރޫޢާއި 10 އަތޮޅެއްގައި އައިޔޫއެމްގެ 12 މަޝްރޫޢު ކުރިއަށްދާކަމަށެވެ. މީގެ އިތުރުން ފަންނީ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ފަހިކުރުމަށް 10 އަތޮޅެއްގައި ޓެކްނިކަލް ވޮކޭޝަންލް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތާއި އެކަޑަމިކް ފެސެލިޓީތައް ޤާއިމްކުރުމުގެ 14 މަޝްރޫޢު ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ތިބި ދަރިވަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް މަހަކަށް 1200 ޑޮލަރު ނެގޭހެން ކާޑްލިމިޓް އިތުރުކޮށްފަިއވާކަމަށާއި ސަރުކާރުގެ އިދާރަތަކުން ލިބެންޖެހޭ ޚިދުމަތްތައް ހޯދުމަށް ހުރި ދަތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިމަހު ތަޢާރަފްކުރި "ކުރި ނިޒާމް"ގެ ސަބަބުން ދަރިވަރުންނަށް ދެމުންދިޔަ ޚިދުމަތަކާއި މެނުއަލްކޮށް ކުރަމުން އައި މަސައްކަތް އޮޓޮމޭޝަންއަށް ބަދަލުވުމުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލިބިގެންދާނެ ދާއިމީ ހައްލުކަމަށެވެ.

"ލިޔެކިޔުންތައް ފުރިހަމަވުމާއި ލަސްވުމެއް ނެތި ވަގުތުން ފައިސާ ޖަމާވުމަށް މަގުފަހިވެ ދަރިވަރުންގެ ޕޭމަންޓް ޕްރޮސެސް ވަމުންދާ ގޮތް ރިއަލްޓައިމްގައި ބަލާލެވޭނެ. މީގެ އިތުރުން ލޯނަށް ޝަރުތުހަމަވޭތޯ ބެލުމަށް ކުރާ ދިގު އިންތިޒާރަށް ނިމުމެއް ގެނެވޭނެ. އެޕްލިކޭޝަން ހުށަހަޅާ ހިސާބުން ދަރިވަރުން އެހެން ކޯހަކަށް އެންރޯލްވެފައިވެތޯއާއި ބްލެކްލިސްޓްވެފައިވޭތޯ ވަގުތުން ކަށަވަރުކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ފުރަތަމަ ޑިގްރީ ސްކީމުން 2728 ދަރިވަރަކަށް ފުރުޞަތު ދީ ޖުމުލަ 11252 ދަރިވަރަކަށް ނުވަސަތޭކަ އެކާވީސް މިލިޔަން ހަލައްކަ ތީރިސް ހަހާސް ހަސަތޭކަހަ ފަންސާސް ތިން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.