ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ފިރިހެނުންގެ ޤައުމީ ނެޓްބޯޅަ ޓީމާއިމެދު ފަޚުރުވެރިވާކަމަށާއި އުންމީދަކީ ޓީމުން ވާދަކުރާ ފުރަތަމަ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުންކަމަށް އެޓީމުގެ ކެޕްޓަން ޢަބްދުﷲ އަފްލާހް ޝަރީފް ބުނެފިއެވެ.
އަފްލާހް މިހެން ބުނެފަވަނީ މުޅިން އަލަށް ބާއްވާ މެންސް އޭޝިއާ ކަޕުގައި ވާދަކުރުމަށް ޗައިނާއަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަމުންނެވެ. މި ޓީމުގެ ފުރަތަމަ މުބާރާތާއި ޓީމުން ކުރިމަލާފައި މިވަނީ ގާތްގަނޑަކަށް ތިންވަރަކަށް މަސްދުވަހުގެ ފަރިތަކުރުންތަކަށް ފަހުއެވެ.
ޓީމުގެ ފަރިތަކުރުންތައް ދިޔަގޮތާއި މެދު ހިތްހަމަޖެހޭކަމަށް އަފްލާހް ބުންޏެވެ. މުބާރާތާއި ކުރިމަތިލަނީ ގިނަ އުންމީދުތަކަކާއިއެކުކަމަށާއި އެންމެ ބޮޑު އަމާޒަކީ ރަނގަޅު ކާމިޔާބެއް ހޯދުންކަމަށް އޭނާ ފާހަގަކުރިއެވެ.
"ފިރިހެން ޓީމު އަލަށް ދާ ފުރަތަމަ ފަހަރު މިއީ. ވަރަށް ބައިވަރު އެކްސްޕެކްޓޭޝަން އެބަހުރި. ކުޑަ ވަގުތުކޮޅެއް ލިބުނީ ޕްރިޕެއަރވުމަށް. އެކަމު ހަމަ ވަރަށް ހިތްހަމަޖެހޭ ޓީމުގެ ޕްރިޕެރޭޝަނާއި މެދު. އުންމީދަކީ ރަނގަޅު ކާމިޔާބެއް ހޯދުން ހަމަ" އަފްލާހް ބުންޏެވެ.
ޤައުމީ ފިރިހެން ނެޓްބޯޅަ ޓީމެއް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި އެކުލަވާލީ މިމަހުގެ 3 އިން 13 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެއްސި އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށެއެވެ. އެހެންނަމަވެސް ފަހު ވަގުތު މުބާރާތްވަނީ ވަކި ތާރީޚެއް ނެތި ފަސްކޮށްފައެވެ.
ހޮންގކޮންގުން އިސްނަގައިގެން މެންސް އޭޝިއާ ކަޕުގެ ނަމުގައި ބާއްވާ މިމުބާރާތަކީ އޭޝިއާގައި ފުރަތަމަ ފަހަރަށް ބޭއްވޭ ފިރިހެނުންނަށް ޚާއްސަ ނެޓްބޯޅަ މުބާރާތެވެ.
މި ޓީމަށް ކުޅުންތެރިން ހޮވާފައި ވަނީ އެކަމަށް ކުރިއަށްދިޔަ ސިލެކްޝަނެއްގެ ތެރެއިންނެވެ. ސިލެކްޝަނުން ހޮވާލެވުނު ކުޅުންތެރިންނަށް ބޭއްވި ފަރިތަކުރުންތަކަކަށްފަހު ޤައުމީ ސްކޮޑް ހޮވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މެދެއްހާ ހިސާބުގައެވެ.
ރާއްޖޭގެ ފުރަތަމަ ގައުމީ ފިރިހެން ނެޓްބޯޅަ ޓީމަށް ކުޅިވަރުގެ ތާރީޚުގެ ތެރެއިން ޖާގައެއް ލިބިގެންދާއިރު ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ އަފްލާހް ބުނީ މިޓީމުން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ފަޚުރެއްކަމަށެވެ. އަދި މިއީ ލިބުނު ރަނގަޅު ފުރުސަތެއްކަމަށެވެ.
"އަސްލު ވަރަށް ޕްރައުޑް ފީލްވޭ ހަމަ. ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިލެކްޓްވެގެން މިހުރިހާ ކުދިން، ވަރަށް ވަގުތު ދީގެން، ވަރަށް ބޮޑު އޮޕޮޗިއުނިޓީއެކޭ ބުނާނީ" ޤައުމީ ފިރިހެން ނެޓްބޯޅަ ޓީމުގެ ކެޕްޓަން ބުންޏެވެ.
ހޮންގކޮންގުން އިންތިޒާމުކޮށްގެން ޗައިނާގައި ބާއްވާ ފުރަތަމަ މެންސް އޭޝިއާ ކަޕު ކުރިއަށްދާނީ މިމަހުގެ 5 އިން 8ގެ ނިޔަލަށެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ މުބާރާތް އިންތިޒާމުކުރި ހޮންގކޮންގާއި ޖަޕާނުގެ އިތުރުން މެލޭޝިއާއިންނެވެ.
މިމުބާރާތާއި ރާއްޖޭގެ ޤައުމީ ޓީމުން ކުރިމަތިލާނީ ހުރިހާ މެޗަކުންވެސް މޮޅުވެ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައިކަމަށް އަފްލާހް ވަނީ ޗައިނާއަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަމުން ބުނެފައެވެ.
"ޓާގެޓަކީ ހަމަ ހުރިހާ މެޗަކުންވެސް މޮޅުވުން. އެކަމު ނެޓްބޯލް މިއީ މިކުދިން މުޅިން އަލަށް، ތުރީ މަންތުސްގެ ވޯކް މިއީ. އެންމެ ބޮޑު އުންމީދަކީ މެޗަށްފަހު މެޗެއް ރަނގަޅުކުރަމުން ގޮސް ރަނގަޅު ނަތީޖާއަކާއި ހަމައަށް ވާސިލްވުން" އަފްލާހް ބުންޏެވެ.
މެންސް އޭޝިއާ ކަޕުގައި ރާއްޖެއިން ކުޅޭ މެޗުތަކަށް ބަލާއިރު، މިއަދު ވާދަކުރާނީ މެލޭޝިއާއާއިއެވެ. މާދަމާ ހޮންގކޮންގާއި ވާދަކުރުމަށްފަހު 7 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ޖަޕާނާއި ދެކޮޅަށެވެ. މުބާރާތުގެ ތިންވަނަ އަދި ހަތަރު ވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ތާވަލުކޮށްފަވަނީ މިމަހުގެ 8 ވަނަ ދުވަހަށެވެ.
މެންސް އޭޝިއާ ކަޕުގައި ވާދަކުރުމަށްފަހު ގައުމީ ފިރިހެން ނެޓްބޯޅަ ޓީމު އެނބުރި ގައުމަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.