ތަރައްްޤީ

ފަރުމަސް އާލާކުރުމުގެ ހުނަރު 10 މީހަކަށް ދަސްކޮށްދީފި


  • މިދިޔަ އަހަރު 50އަށްވުރެ މީހުން ތަމްރީންކުރި

  • މި އަހަރު 4 ޕްރޮގުރާމު ކުރިއަށް ގެންދާނެ

  • ދެވަނަ ބުރު ކުރިއަށްދާނީ މެއި މަހު

ފަރުމަސް އާލާކުރުމުގެ ހުނަރު 10 މީހަކަށް ދަސްކޮށްދީފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރީސާޗް އިންސިޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދާ މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ މި އަހަރުގެ ފުރަތަމަ ބޭސިކް މެރިކަލްޗަރ ޓްރެއިނިން ކޯސް ކުރިއަށް ގެންގޮސްފައިވަނީ ޖަނަވަރީ 24 އިން ފެބްރުއަރީ 5ގެ ނިޔަލަށް ކ. މަނިޔަފުށީގައެވެ.

މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ. ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއިއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި މަސްވެރިކަމާ ބެހޭ ވުޒާރާއިން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ. މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.

ކޯހުގައި ކިޔަވައިދީފައިވާ ބައިތަކަކީ:

  • • އެކުއަކަލްޗަރ ނިޒާމުތައް.
  • • ދިރޭ ކާނާ އާލާކުރުން.
  • • ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން.
  • • ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން.
  • • ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން.
  • • އިތާމުތް އާލާކުރުން.
  • • މޫދުވިނަ (ސީވީޑް) ހައްދައި އާލާކުރުމުގެ ތިއަރީ ކިޔަވައިދިނުން.
  • • އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކައުތެރިކުރުން.
  • • ދިރުން އާލާކުރުމުގައި ތިމާވެށި ރައްކައުތެރިކުރުން.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 ބައިވެރިން ބޭސިކް މެރިކަލްޗަރ ކޯހުގެ ތަމްރީނު ފުރިހަމަ ކޮށްފައިވެއެވެ.