ޚަބަރު

ފަހު ވަގުތު ޗެލްސީ ބަލިކޮށް އާސެނަލް ލީގު ކަޕްގެ ފައިނަލަށް


އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ފައިނަލުގެ ޖާގައެއް އާސެނަލް އިން ހޯދައިފި އެވެ.

އާސެނަލް އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗުވެސް އާސެނަލް ވަނީ 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މި މެޗަށް ޗެލްސީގެ ކޯޗު ލިއާމް ރޮޒޭނިއާ ޓީމު ނެރެފައިވަނީ މުޅިން ތަފާތު ފޯމެޓަކަށެވެ. 2024 ވަނަ އަހަރުގެ މާޗު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ތިން ސެންޓަރ ބެކުން ލައިގެން ޗެލްސީ އިން ކުޅުނުއިރު މިއީ 2021 ވަނަ އަހަރު ޗެލްސީ އިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފޯމެޓު ކަމުގައިވާ 3-5-2 އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖަހާނެ ފުރުސަތެއް ތަނަވަސް ކުރެވިފައިނުވާއިރު އާސެނަލް އިން މި ސީޒަނުގައި ލަނޑުތައް ޖަހަމުންދާ ސެޓް ޕީސްތައް މި މެޗުގައި ޗެލްސީ އިން ވަނީ އެއްކޮށް ހުއްޓުވާފަ އެވެ.

ޗެލްސީ އިން ވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅުން ފެށުނުތާ 15 ވަނަ މިނިޓުގައި ކޯލް ޕާމާ އާއި އެސްޓެވާއޯ ވިލިއަން ކުޅެން އަރުވާ އެ ޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

އާސެނަލް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ އިންޖަރީ ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ކައި ހަވަޓްޒް އެވެ.

އާސެނަލް އިން އެންމެ ފަހުން ލީގު ކަޕްގެ ފައިނަލުގައި ކުޅެފައިވަނީ 2018 ވަނަ އަހަރު އެވެ. އަދި އެ ޓީމުން ބޮޑު މުބާރާތެއް ކާމިޔާބު ކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ.

މި މުބާރާތުގެ ފައިނަލުގައި އާސެނަލް އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ ނިއުކާސަލް ޔުނައިޓެޑް އާއި މެންޗެސްޓަރ ސިޓީ މިރޭ ކުޅޭ މެޗަށްފަހުގަ އެވެ.