ޚަބަރު

ރައްޔިތުންނަށް ޖަވާބުދާރީވުމަށް ރައީސް އަބަދުވެސް އިރުޝާދުދެއްވާ: ނައިބު ރައީސް


  • މާލޭގެ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކައުންސިލުގެ އެއްބާރުލުމެއް ނުލިބޭކަން ފާހަގަކުރެއްވި

  • ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތްކަމަށް ވިދާޅުވި

  • ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްވެސް ޒިންމާދާރުކަމާއެކު ކުރަންޖެހޭކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ހާމަކަން ބޮޑުގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރުންކަމަށާއި، ރައްޔިތުންނަށް ޖަވާބުދާރީވުމަށް އެމަނިކުފާނު އަބަދުވެސް އިރުޝާދުދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕީއެންސީގެ މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހީންގެ ރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ކަންކަން ވަރަށް ސާފުވާނެހެން ފުރިހަމަ ޕްލޭނަކާއެކުގައި ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައިވެސް ހަމަޖެހުން، ރައްކާތެރިކަން އަދި ތަރައްޤީއާއެކު ކުރިއަށްދާން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެއްލައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ޖަވާބުދާރީ ކުރުވަންޖެހޭކަމަށާއި، އެއީ އަސާސީ ޙައްޤެއްކަމަށް ވިދާޅުވިއެވެ. އަދި އެ ޒިންމާ އަދާކުރަންޖެހޭނީ ވާދަވެރިންކަމަށާއި، ނަމަވެސް އެކަން ކުރަންޖެހޭނީ ރީތިގޮތުގައިކަމަށް ވިދާޅުވިއެވެ. އަދި ޖާވާބުދާރީ ކުރުވަން ދައްކާ ވާހަތަކަކީ ޒިންމާދާރުކަމާއެކު ދައްކަންޖެހޭ ވާހަކަތަކެއްކަމަށާއި، އޭގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ހަމަޖެހުން ގެއްލި، ނަފްރަތާއި ރުޅިވެރިކަމާއި ޒާތީ ހަސަދަ އުފެދުމަށް ޖާގަދެވިގެންނުވާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"2008ގެ ކުރީކޮޅުގައި އެ ފެނުނު ކަންތައްތައް އަޅުގަނޑުމެން ބޭނުންވަނީ ހަނދާން ނައްތާލަން. މި ސިޔާސީ މައިދާނުގައި އެއީ އަޅުގަނޑުމެން ތަކުރާރުކުރަން ބޭނުންވާ ކަންކަމެއްނޫން. މިއަދުގެ މި ޖީލުތަކަށް ބޭނުންވާ ވާހަކަތަކެއްނޫން އެއީކީ. ވެރިން ޖަވާބުދާރީކުރުވަން ދައްކާނެ ވާހަކަތައް ހުންނާނެ. ރައްޔިތުން ޤަބޫލުކުރާ ފެންވަރުގެ ވާހަކަތައް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑު މިދެންނެވި އޭގެ ރީތިގޮތުގައި އެކަން ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ ރައީސަކީ ޖާވާބުދާރީވާން ކެރޭނެ ވެރިއެއް." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ވެރިރަށް މާލެއަށް އިޖްތިމާޢީގޮތުން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އަޅިއަޅުއްވާލައްވަވާފައެވެ.

އެގޮތުން ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން މަޖިލީހުގެ ތެރެއިން ހައްދަވަންޖެހޭ ޤާނޫނުތަކާއި، ގަވާޢިދުތަކާއި އުޞޫލުތައް ހައްދަވައިގެންވެސް ދިވެހިންގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރެވޭތޯ ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަގޮތުގައި ލިބިފައިނުވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.