ޚަބަރު

ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް "ކުރި" އިފްތިތާހުކޮށްފި


  • މިއީ ދަރިވަރުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ނިޒާމެއް

  • އިތުބާރުހުރި އަދި ހަލުވި ތައުލީމީ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް "ކުރި" އިޕްތިތާހުކޮށްފިއެވެ. މި ނިޒާމް އިފްތިތާހުކޮށްދެއްވީ މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދެވެ.

ކުރި ނިޒާމަކީ މަތީ ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިއީ ތައުލީމީ ދާއިރާގައި ކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިރަސްމިއްޔާތުގައިވަނީ މިނިޒާމް ބޭނުންކުރާ ދަރިވަރުން މެދުވެރިކޮށް މިނިޒާމް ބޭނުންކުރާނެގޮތްވަނީ ދައްކާލާފައެވެ. އަދި

މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ އިޔާން ޝަރީފް މި ނިޒާމާއި ގުޅޭގޮތުން ބުނީ މިއީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާ ނިޒާމަކަށް ވާނެކަމަށެވެ. މި ނިޒާމާއިއެކު ޓްރާންސްޕޭރެންސީ ޔަޤީންކުރެވި ދަރިވަރުން މީގެކުރިން އުފުލަމުން ދިޔަ ތަކުލީފުތަކަކަށް ހައްލު ލިބި ވަގުތު ސަލާމަތްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުރިން ގިނަ ރިކުއެސްޓްތައް ކުރަން މިޖެހެނީ އީމެއިލްގެ ޒަރިއްޔާއިން. އަޅުގަނޑުމެންނަކީ ރާއްޖެއިން ބޭރުގައި ތިބޭ ބަޔަކަށް ވުމާއިއެކު މިނިސްޓްރީއަށް ގޮސް މައުލޫމާތު އޮޅުންފިލުވުމަކީ އުނދަގޫކަމެއް. ޚާއްސަކޮށް ކުރިން ހުށައަޅާފައިވާ ކަންކަމުގައި މިސާލަކަށް ލޯނު ޕޭމެންޓެއް މިހާރު އިނީ ކޮން ސްޓޭޖެއްގަތޯ ފެނިގެންދިއުން. ތަކުރާރުކޮށް އީމެއިލްނުކޮށް އެއްތަނަކުން ފެނިގެންދިއުން މިއީ ލިބިގެންދިޔަ ފަސޭހައެއް" އޭނާ ވިދާޅުވިއެވެ.

މި ނިޒާމުގެ ތެރެއިން ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދީ އިތުބާރުހުރި އަދި ހަލުވި ތައުލީމީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މި ނިޒާމަކީ ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ނިޒާމަކަމަށް ވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.