ނަފުސާނީ ދުޅަހެޔޮކަން ޤާއިމުކުރުމުގައި މުޖުތަމަޢުގެ ދައުރު ބޮޑު ކަމަށާއި، އެންމެ މުހިންމު އެއް ކަމަކީ ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުންނެއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ ނަފުސާނީ ސިއްހަތުގެ މައްސަލައަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު އެބައްޔަކަށް ހުށަހެޅި ތަހައްމަލް ކުރަމުންދާ މައްސަލައެއްކަމަށެވެ. އެގޮތުން ނަފްސާނީ ސިއްހަތުގެ މައްސަލައާއި ގުޅިފައި ހުރި އެހެނިހެން ސިއްހީ މައްސަލަތައްވެސް ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިކަމުގައި އެންމެ މުހިންމުކަމަކީ ރައްޔިތުން މިކަމަށް ހޭލުންތެރިވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިފަދަ ބައްޔެއްގައި އަޅާލުމާއި އޯޤާތެރިކަން ފޯރުކޮށްދޭނެ ބަޔަކު މުޖްތަމައުގައި އުފެދިގެން ދިޔުން މުހިންމު، ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަޤްސަދަކީވެސް ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުން" ވަޒީރު ޤީލާ ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ނަފްސާނީ ސިއްހަތުގެ ފަރުވާ ދިނުމަށް އެ ފެންނަނުގެ މީހުން ރަށްރަށުގައި ތިބެގެން އެ ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ގީލާ ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުގައި އެ ފަންނުގެ މީހުން އެބަތިބިކަމަށާއި މިކަމަށް މީހުން އިތުރަށް ބޭނުންވަނީ ރައްޔިތުންގެ ޑިމާންޑު މި ހިދުމަތައް އޮތް މިންވަރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަތޮޅުތެރޭގައި ގިނަ ސައިކޭޓްރިސްޓުން ބައިތިއްބުމަށް، އެ ފަންނުގެ މީހުން ތިބެގެން އެ ޙީދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވޭތޯ މި ބަލަނީ. ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ ބޮޑެތި ހޮސްޕިޓަލްގައި އެ ހިދުމަތް ފޯރުކޮށްދެވޭނެ އެ ފަންނުގެ މީހުން އެބަތިބި. މީހުން އިތުރަށް ބޭނުންވަނީ ރައްޔިތުންގެ ޑިމާންޑު މި ހިދުމަތައް އޮތް މިންވަރުން. ފުރަތަމަ މަރުހަލާގެ ގޮތުން އަތޮޅު ތެރޭގެ މަރުކަޒުތަކުގައި ބޮޑެތި ހޮސްޕިޓަލްތަކުގައި ބޭތިއްވުމަށް މަސައްކަތް ކުރަމުން މިދަނީ މި ފަންނުގެ އިސް ޑޮކްޓަރުން. ރައްޔިތުންނަށް މި ހިދުމަތް ފުޅާ ކުރެވިގެންދާނެ" ވަޒީރު ޤީލާ ވިދާޅުވިއެވެ.
ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނަފްސާނީ ޚިދުމަތްތައް ހޯދާ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޒުވާނުންނެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2022 ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގެ އާބާދީގެ %20 ނުވަތަ ކޮންމެ 5 މީހަކުން 1 މީހަކީ ނަފްސާނީ ބަލިމަޑުކަމެއްގެ އަލާމާތްތައް ތަހައްމަލުކުރާ މީހެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނަފްސާނީ ބައްޔައް ފަރުވާކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން މި ދާއިރާއިން މީހުން ބިނާކުރުމާއި މި ދާއިރާ ކުރިއަރުވަން ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ދަނީ ކުރަމުންނެއެވެ.