ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 21 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލާފައެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ވިދާޅުވީ، 6 ފަންގިފިލާއަށް ހަދާފައި ހުރި އެމާރާތުގެ ތިރީގައި ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި މި އިމާރާތުގެ 2 އެޕާޓްމަންޓަކުން 21 މީހުންނަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 03:30 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން 03:40 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ފުރަތަމަ އަލިފާން ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އޭގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ރޭ މިހާދިސާ ހިނގާފައިވާއިރު، ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 5ވަނަ ޓަވަރުގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މިހާދިސާގައި 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެ 140 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.