މެންޗެސްޓާ ޔުނައިޓެޑްގައި އިތުރަށް ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ނުބަހައްޓަން ނިންމައިފި އެވެ.
ކުލަބުން މިހާރު ނިންމާފައިވަނީ 33 އަހަރުގެ މިޑްފީލްޑަރުގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވުމާއެކު އޭނާ ދޫކޮށްލުމަށެވެ.
ކަސެމީރޯ ޔުނައިޓެޑާ ގުޅުނީ 2022 ވަނަ އަހަރު 70 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑުންނެވެ. އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް 146 މެޗު ކުޅެދީފަ އެވެ.
އޭނާގެ އެންމެ ހާއްސަ އެއް މެޗަކީ 2023 ވަނަ އަހަރުގެ ކަރަބޯ ކަޕުގެ ފައިނަލް މެޗެވެ. އެ މެޗުގައި ނިއުކާސަލް ކޮޅަށް ފައިނަލް މެޗުގައި ގޯލު ޖެހީ އޭނަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ޔުނައިޓެޑް ހިންގުމާ ހަވާލުވި މިހާރުގެ ވެރިޔާ ޖިމް ރަޓްކްލިފޭގެ ނަޒަރުގައި ޓީމުގައި ރަނގަޅަށް ނުކުޅޭ ކުޅުންތެރިންގެ ލިސްޓުގައި ކަސެމީރޯ ހިމެނުނެވެ.
ރަޓްކްލިފޭ ފާހަގަ ކުރި ގޮތުގައި ކަސެމީރޯ އަކީ ރަނގަޅަށް ނުކުޅެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިއެކެވެ. ނަމަވެސް އޭގެ ކުރިން ކަސެމީރޯ ބުނީ އޭނާގެ ކޮނޑު އަޅައިގެން ވެސް ޔުނައިޓެޑް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
ކަސެމީރޯ ފޮނުވާލަން ޔުނައިޓެޑުން ނިންމިއިރު އޭނާ އަދިވެސް ހުރީ ޔުނައިޓެޑާއެކު ކުރިއަށް ދިއުމުގެ އުއްމީދުގަ އެވެ. އަދި އޭނާ އަކީ ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޯޓީ އެކުލަވާލަމުންދާ ބްރެޒިލް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މިހެންވެ އައު ކުލަބަށް ހޯދުމުގައި ކަސެމީރޯ އަށް ވޯލްޑް ކަޕް ވަރަށް މުހިންމު ވާނެ އެވެ.