ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ބޯޑޯ އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ޒިންމާ އޭނާ އާއި ސީނިއާ ކުޅުންތެރިން ނަގާ ކަމަށް ސިޓީގެ ފޯވަޑް އާލިން ހާލަންޑް ބުނެފި އެވެ.
ނޯވޭގެ ފޯވަޑް ބުނީ މެޗުގައި ރަތް ކާޑު ދެއްކި މިޑްފީލްޑަރު ރޮޑްރީ އާއި ސިޓީ އަށް ކުޅޭ ނެދަލޭންޑްސްގެ މިޑްފީލްޑަރު ޓިއާނީ ރެއިންޑާސް ވެސް އޭނާއާއެކު ޒިންމާ ނަގާ ކަމަށެވެ.
"އަހަރެން ހުރިހާ ޒިންމާ އެއް ނަގަން އަހަރުމެން ސީނިއާ ކުޅުންތެރިންނާއެކު. އަހަރެންނަށް ހީވަނީ އަހަރުމެން މޮޅުވާން ހުރިހާ ކަމެއް ކުރިން ހެން. އެކަމަކު ކޮންމެވެސް ކަމެއް ޓީމުން އުނިވި. އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކު ބަދުނާމު ކުރާކަށް. އެކަމަކު އަހަރުމެން ސީނިއާ ކުޅުންތެރިން މިއަށްވުރެ ބޮޑަށް ޒިންމާވާން ޖެހޭ،" ހާލަންޑް ބުންޏެވެ.
އެނާ ބުނީ ދަނޑުމަތީގައި އޭނާގެ އެންމެ ބޮޑު ޒިންމާ އަކީ ގޯލު ޖެހުން ކަމަށާއި އެކަން ނުކުރެވުމުން ދޭން ޖަވާބެއް ވެސް ނެތް ކަމަށެވެ.
މި މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި އަހަރު ފެށުނު ފަހުން ސިޓީގެ ނަތީޖާތަށް ދަށްވަނީ ވަރަށް ބޮޑަށް ކަމަށާއި އޭގެ ފަހަތުގައި ގިނަ ސަބަބުތަކެއް ވެސް ހިމެނޭ ކަމަށެވެ. އޭނާ އިޝާރާތް ކުރީ ސިޓީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމެވެ. މި ގޮތުން ރޭގެ މެޗަށް ސިޓީ ނުކުތީ ވެސް އަނިޔާގައި 11 ކުޅުންތެރިއަކު ތިބެގެންނެވެ. ހާއްސަކޮށް ސީނިއާ ޑިފެންޑަރުންނަށް ވަނީ އަނިޔާވެފަ އެވެ.
"ސަމެންޔޯ އާއި ގުއޭއީ ދެން އަންނަ މެޗަކަށް ކުޅެވޭނެ. އެހެންވީމާ އެއީ ހިތްހަމަ ޖެހުމެއް. އަހަރުމެންނަށް މިހާރު އޮތް ގޮތަކީ މެޗަކަށް ފަހު މެޗަކާ މެދު ވިސްނަމުން ކުރިއަށް ދިއުން،" ގާޑިއޯލާ ބުންޏެވެ.
ރޭގެ ބައްޔާއެކު ސިޓީ އޮތީ ޗެމްޕިއަންސް ލީގުގައި ހަތް މެޗުން 13 ޕޮއިންޓާއެކު ހަތް ވަނާގަ އެވެ.