ކުޅިވަރު

ބާކީ އޮތް ތިން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދުމަކީ އަމާޒު: ހެނާންޑޭޒް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު 15 މެޗުން ހޯދި 43 ޕޮއިންޓާއެކު ލީގު ހޯދުމާއި ދާދި ގާތަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޖެހިފައިވާއިރު އަމާޒަކީ ލީގުގައި ބާކީ އޮތް ތިން މެޗުވެސް ކާމިޔާބުކޮށް ލީގުގެ ޗެމްޕިއަންކަން ހޯދުންކަމަށް އެޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ހެނާންޑޭޒް މިހެން ބުނިއިރު ލީގުގެ 15 ވަނަ ހަފްތާގެ ކުޅުން ނިމުނު އިރު މާޒިޔާ އަށް ލީގު ކާމިޔާބުކުރަން ބޭނުންވަނީ އެންމެ މޮޅެކެވެ. ލީގުގައި މިހާތަނަށް ބަލިނުވެ އޮތް ހަަމައެކަނި ޓީމަކީ މާޒިޔާއެވެ.

މިމަހުގެ 16 ވަނަ ދުވަހު ކުލަބު އީގަލްސްއާއި ދެކޮޅަށް ކުޅެ 3-0 ގެ ނަތީޖާއަކުން މޮޅު ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ ލީގުގައި ޓީމުން ދައްކަމުންދާ ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ. އީގަލްސްއާއި ދެކޮޅަށް ކުޅުނު މެޗަކީވެސް ވަރުގަދަ މެޗެއްކަމަށް ފާހަގަކުރަމުން އޭނާ ބުނީ ޕްލޭނާއި އެއްގޮތަށް ކުޅުންތެރިންގެ ކުޅުން ދައްކަމުންދާކަމަށެވެ. މާޒިޔާގެ ގޯލު ފޫއަޅުވާލިޔަ ނުދީ ހިފަހައްޓާލެވުމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ.

އީގަލްސްއާއި އަޅާބަލާއިރު މާޒިޔާގެ ކުޅުން ބޮޑުތަނުން ރަނގަޅުކަމަށް ފާހަގަކުރަމުން އޭނާވަނީ އީގަލްސްއިން މެޗު ލަސްކުރަން މަސައްކަތްކުރީތީ އެކަމުގެ ޝަކުވާވެސްކޮށްފައެވެ.

"މިއީ އަނެއްކާވެސް ވަރަށް ވަރުގަދަ މެޗެއް. ޕްލޭނާއި އެއްގޮތަށް ކުޅެވުނު. މާޒިޔާއިން ގިނަ ހަމަލާތަކެއްވެސް އުފެއްދި. އިދިކޮޅުން ފަހަތަށް ނުކުމެ ޑިފެންސަށް އިސްކަންދިންކަން ފާހަގަކުރެވުނު. އެހެންނަމަވެސް މާޒިޔާއިންވަނީ ލަނޑުތަކެއް ޖަހާފަ. އެހެންވީމަ އަހަރެން ގަބޫލުކުރަނީ އީގަލްސްއާއި އަޅާބަލާފަ މާޒިޔާގެ ކުޅުން މާބޮޑަށްވެސް ރަނގަޅުކަމަށް. އީގަލްސްއިން އެހާ ގިނައިން މެޗު ހުއްޓުވަން މަސައްކަތްކުރީމަ އެކަމުގެ ޝަކުވާ އަހަރެންކުރަން" ހެނާންޑޭޒް ބުންޏެވެ.

މާޒިޔާއަކީ އަބަދުވެސް ތަށްޓަށް އަމާޒު ހިފައިގެން ނުކުންނަ ޓީމެއްކަމަށް ހެނާންޑޭޒް އަބަދުވެސް ބުނަމުން އަންނައިރު، އޭނާ ބުނީ މާޒިޔާގެ ކުޅުންތެރިން ގުޅިގެން މަސައްކަތްކުރާނީ އެއް ރޫހެއްގައި ކާމިޔާބު ހޯދުމަށްކަމަށެވެ. އެގޮތުން ކާމިޔާބު ހޯދުމަށް ޓީމަށް އަބަދުވެސް ހިތްވަރުދޭކަމަށާއި މާޒިޔާގެ ފިލޯސޮފީއާއި އެއްގޮތަށް ކުޅުންތެރިން އެކުވެ ލީގުގެ ތަށި ނެގުމަށް ހިތްވަރުދީފައިވާނެކަމަށް އޭނާ ބުންޏެވެ.

"ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އަހަރެން ޓީމާއި ވާހަކަދައްކަމުން ބުނެފަވާނެ، އަހަރުމެންގެ ވިސްނުމާއި އެއްގޮތަށް މަސައްކަތްކޮށް، މާޒިޔާގެ ފިލޯސޮފީގައި ސާބިތުވެ މޮޅަށް ކުޅެ ލަނޑުތަކެއް ޖަހާ މި ޗެމްޕިއަންޝިޕު ކާމިޔާބުކޮށްދިނުމަށް" ހެނާންޑޭޒް ބުންޏެވެ.

ޒުވާން ކުޅުންތެރިން އުފައްދަމުން މަސައްކަތްކުރަމުން އަންނަ މާޒިޔާއިން ލީގުގައިވެސް ޒުވާން ކުޅުންތެރިން ދަނޑަށް ނެރެމުން އަންނައިރު މިހާތަނަށް އެކުޅުންތެރިން ގިނަ ކުރިއެރުންތަކެއް ހޯދައިފިކަމަށް ހެނާންޑޭޒް ބުންޏެވެ. ޒުވާން ހުނަރުވެރިން އުފައްދައިދިނުމުގައި ދައުރެއް ކުޅެވުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ.

"ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތުތަކެއް ފަހިކޮށްދެވިއްޖެ. އެކުދިންގެ ކިބައިން ބޮޑު ކުރިއެރުމެއް ފެނިއްޖެ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" މާޒިޔާއަކީ މުސްތަގުބަލަށް ފައްކާކުރާ ޓީމެއްކަމަށް މީގެ ކުރިންވެސް ތަކުރާރުކޮށް ބުނެފައިވާ ކޯޗު ފާހަގަކުރިއެވެ.

ލީގުގައި މާޒިޔާއަށް ބާކީ ދެން އޮތީ ތިން މެޗެވެ. އެގޮތުން ލީގުގެ ހަތަރު ވަނައިގައިވާ އޮޑިއާއި، ތިންވަނައިގަ އޮތް ނިއުރޭޑިއަންޓަށްފަހު މާޒިޔާއަށް ދެން އޮންނާނީ ދެވަނައިގައި އޮތް އޮޑިއާއި ވާދަކުރުމެވެ. ހެނާންޑޭޒް ބުނީ މިމެޗުތައް ފަސޭހަނުވާނެކަމަށެވެ. އެހެންކަމުން ޓީމުން ހިތްވަރާއި އެކު ނުކުންނާނީ މިމެޗުތައްވެސް ކާމިޔާބުކޮށް ލީގުގެ ޗެމްޕިއަނުންގެ ޝަރަފު ހޯދުމަށްކަމަށް އޭނާ ބުންޏެވެ.

"މިގޮތަށް ކާމިޔާބު ހޯދޭނަމަ މާޒިޔާއަކީ ޗެމްޕިއަނުންކަމާއިމެދު ޝައްކެއްނެތް. އެކަމަކު ބާކީ ހުރި މެޗުތައް ފަސޭހައެއް ނުވާނެ. މިހާތަނަށް ޓީމުން ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ. ކުރިއަށް މިއޮތީ ބުރު މެޗާއި، ނިއުރޭޑިއަންޓު މެޗުގެ އިތުރުން އޮޑި އާއި ވާދަކުރުން. މަސައްކަތް މިކުރަނީ ތިން މެޗުވެސް ނަގަން" ހެނާންޑޭޒް ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނުކުންނާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އަދި ނިއުރޭޑިއަންޓާއި ދެކޮޅަށް މިމަހުގެ 28 ވަނަ ދުވަހު ކުޅުމަށްފަހު އޮޑިއާއި ދެކޮޅަށް ކުޅޭނީ އަންނަމަހުގެ 6 ވަނަ ދުވަހުއެވެ.