މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އިން "ހުދު ފޮނު"ގެ ފަސް ކުލިނިކު ހިމަނައި މިއަހަރުގެ އިވެންޓް ކަލަންޑަރު ނެރެފިއެވެ. މިއަހަރު މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އަދި ނިންމާފައިވަނީ ހދ. ކުޅުދުއްފުއްޓާއި، މާލޭ ސިޓީގެ އިތުރުން ދ. ކުޑަ ހުވަދޫގައެވެ.
"ހުދު ފޮނު" ޕްރޮގްރާމަކީ އައު ބޮޑީބޯޑަރުން އުފެއްދުމަށް ކުރިއަށްގެންދާ ގްރާސްރޫޓް ފެންވަރުގެ ގައުމީ ޓްރޭނިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު މިދިޔަ އަހަރު އަތޮޅުތެރެއަށް ތައާރަފުކުރެވި، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުލިނިކުތައް ބާއްވާފައިވާއިރު ހުނަރުވެރި މޮޅެތި އެތުލީޓުންތަކެއް މި ކުލިނިކުތަކުންވަނީ އުފެދިފައެވެ.
މިއަހަރުގެ ހުދު ފޮނު ކުލިނިކުތައް ބާއްވާ ތާރީޚަށް ބަލާއިރު ފުރަތަމަ ކުލިނިކު ރާވާފަވަނީ އޭޕްރިލްމަހުގެ 9 އިން 11 އަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާގޮތަށެވެ. ދެވަނަ ކުލިނިކު މާލޭ ސިޓީގައި އޭޕްރިލްމަހުގެ 25 ވަނަ ދުވަހު ބާއްވާއިރު، ތިންވަނަ ކުލިނިކު ތާވަލުކޮށްފަވަނީ ޖޫންމަހުގެ 18 އިން 20 އަށެވެ. މި ކުލިނިކު ކުރިއަށްދާނެ ވަކި ސަރަހައްދެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހުދު ފޮނުގެ ހަތަރުވަނަ ކުލިނިކު ދ. ކުޑަ ހުވާދޫއަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 3 އިން 5 އަށެވެ. އަދި ހުދު ފޮނުގެ ފަހު ކުލިނިކު މާލެ ސިޓީގައި ބޭއްވުމަށް ތާވަލުކޮށްފަވަނީ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ.
އެމްބީބީއޭގެ އަހަރީ ކަލަންޑަރު އާދިއްތަ ދުވަހު ނެރެފައިވާއިރު، މިއަހަރަކީވެސް ބޮޑީ ބޯޑިންގެ ބޮޑެތި ހަރަކާތްތަކެއް ކުރިއަށްދާނެ އަހަރެކެވެ. އެގޮތުން އެއެސޯސިއޭޝަނުގެ 13 ވަނަ އަހަރީ ދުވަސް އަންނަ މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާއިރު، މާރޗްމަހުގެ ފުރަތަމަ ދުވަހު އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ ކުރިއަށްދާނެއެވެ.
އެމްބީބީއިން އިންތިޒާމުކޮށްގެން މިއަހަރު ކުރިއަށްގެންދާ ކޯސްތަކުގެ ތެރެއިން ބޮޑީބޯޑިން އިންސްޓްރަކްޓަރުން ތަމްރީނުކުރުމަށް ބާއްވާ ކޯސް ކުރިއަށްދާނީ މާރޗްމަހުގެ 29 އިން އޭޕްރިލްމަހުގެ އެކަކަށެވެ. އަދި ބޮޑީ ބޯޑިން ޖަޖިން ކޯސް ބޭއްވުމަށް ރާވާފަވަނީ އޭޕްރިލް 23 އިން 24 ގެ ނިޔަލަށެވެ.
ފާއިތުވެދިޔަ އަހަރުވެސް ގިނަ މުބާރާތްތަކެއް އެމްބީބީއޭއިން ބާއްވާފައިވާއިރު، މިއަހަރު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖައްސާފައިވަނީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުއެވެ. މިމުބާރާތް އޮންނާނީ އޭޕްރިލް 27 އިން މެއިމަހުގެ އެއްވަނަ ދުވަހަށެވެ. އެއަށްފަހު ޖެހިގެން އަންނަ ޖޫންމަހުގެ 21 އިން 25 އަށްވެސް މުބާރާތެއް ރާވާފަވާއިރު، މިމުބާރާތުގެ ނަމާއި ބާއްވާ ވަކި ތަނެއް އެމްބީބީއޭއިން އަދި އިއުލާންކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުވެސް ބޭއްވުމަށް މަސައްކަތްކޮށް ގިނަ ގޮންޖެހުންތަކަކާއި ގުޅިގެން ނުބޭއްވުނު މޯލްޑިވްސް ޕްރޯ މިއަހަރަށް ތާވަލުކޮށްފަވަނީ ޖުލައިމަހުގެ 29 އިން އޮގަސްޓުމަހުގެ 7 އަށެވެ. އަދި އެމްބީބީއޭގެ ހަރަކާތްތައް ނިންމާނީ ގައުމީ ބަނޑުފިލާ ޗެލެންޖުންނެވެ. މިއިވެންޓު ކުރިއަށްދާނީ ސެޕްޓެމްބަރުމަހުގެ 15 އިން 19 އަށެވެ.
ގިނަ ދަތިތަކަކާއި އެކުވެސް ކާމިޔާބުކަމާއިއެކު އިވެންޓުތައް ބާއްވަމުން އަންނަ ބޮޑީބޯޑިންގ އެސޯސިއޭޝަނަށް ފާއިތުވެދިޔަ އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ މުބާރާތްތައް އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަނުޖެހުމެވެ. އެހެންނަމަވެސް އެއެސޯސިއޭޝަނުންވަނީ މިދިޔަ އަހަރުވެސް ގައުމީ ބޮޑީ ބޯޑިން ޕްރޮގްރާމް "ހުދު ފޮނު"ގެ ކުލިނިކުތައް ނ. ޅޮއްސާއި ށ. ކަނޑިތީމުގައި ހިންގާ ކާމިޔާބު ކަމާއެކު، ލީގަށް އައު އެތުލީޓުން ނެރެދީފައެވެ.
ބޮޑީބޯޑިންއަކީ މިހާރުވެސް ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި އެތުލީޓުން ގިނަގުނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުޅިވަރެކެވެ. އެގޮތުން ރާއްޖޭގެ ސީނިއާ އެތުލީޓުންގެ ތެރެއިން އަލީ ހުޝްރުވާން އަހުމަދު އާއި އާމިން އުމަރު މޫސާ އަކީ ދުނިޔޭގެ ރޭންކިންގައި ފާހަގަކޮށްލެވޭ ތަރިންނަށްވާއިރު، ނިމިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އާމިން އުމަރު މޫސާ ވަނީ ދުނިޔޭގެ ރޭންކިންގެ ގަދަ 10 އިން ޖާގަ ކަށަވަރުކޮށްފައެވެ.