ޚަބަރު

އީގަލްސް ބަލިކޮށް މާޒިޔާ ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބް އީގަލްސް ބަލިކުރުމަށް ފަހު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށްޖެހިލައިފިއެވެ. މާޒިޔާ އިން އީގަލްސްގެ މައްޗަށް ކުރިހޯދީ 3-0 ލަނޑުންނެވެ.

މި ނަތިޖާ އެކު މާޒިޔާ ވަނީ ކުޅުނު 15 މެޗުން 43 ޕޮއިންޓު ހޯދާފައެވެ. އޮޑި ދެވަނައިގަ އޮތީ14 މެޗުން 32 ޕޮއިންޓާއެކުއެވެ. އެހެންކަމުން މާޒިޔާ ދެން ކުޅޭ މެޗެއް ކާމިޔާބުކޮށްގެން ލީގު ޗެމްޕިއަންކަން ޔަގީންކުރެވޭނެއެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ އިން ޑޮމިނޭޓް ކޮއްގެން ކުޅުނު އިރު މާޒިޔާ އިން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާ ކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މާޒިޔާ އަށް ލަނޑު ޖަހަން އިބްރާހިމް އައިސަމް އާއި ހަމްޒާ މުހައްމަދު އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

މާޒިޔާ ލީޑު ނެގީ 56 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން ކެޕްޓަން ސަމޫހު އަލީ ގޯލަށް ބޯޅަ ވައްދައިލައިގެންނެވެ. މާޒިޔަގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 79 ވަނަ މިނިޓުގައި ހަމްޒާ އޭރިއާ ތެރެއިން އަހުމަދު އަހަމް އަށް ޖައްސާލުމުން ގޯލާ ކައިރިން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

މި ލަނޑަށް ފަހު އީގަލްސްގެ މާވިން ލެބޭ މާޒިޔާގެ ސަމޫހު އަލީއަށް ކުރި ފައުލަކަށް ރެފްރީ ވަނީ މާވިން އަށް ރަތްކާޑު ދައްކާފައެވެ.

މާޒިޔާ އިން ޖެހި ތިންވަނ ލަނޑަކީ އޭރިއާ ތެރެއަށް ހަމްޒާ ވަދެ އަރިމަތިން ފޮނުވާލި ބާރު ހަމަލައިން ގޯލަށް ވައްދާލި ބޯޅައެކެވެ. ހަމްޒާ މި ލަނޑުޖެހީ މެޗުގެ 85 ވަނަ މިނިޓުގައެވެ.