ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ކިއު ސްޓަޑީ މެލޭޝިިއާއި މައި ކިއު ސްޓަޑީސްއާ ގުޅިގެން ޚާއްސަ ފެއެއަރއެއް ފަށައިފިއެވެ.
މި ފެއަރ ކުރިއަށްދާނީ މިމަހުގެ 16 އިން 17އަށް މާލޭ ބާސެލޯ ނަސަންދުރާގައެވެ.
ރާއްޖެއިން ބޭރުން މަތީ ތަޢުލީމަށް ކިޔެވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "މައި ކިއު ސްޓަޑީ އެކްސްޕޯ"ގައި ދުނިޔޭގެ އެކި ސަރަހައްދުތަތަކަށް ނިސްބަތްވާ ޔުނިވަރސިޓީތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.
މި ސްޓޯލްތަކުން އެތަނެއްގައި ހުރި ތަޢުލީމުގެ ފުރުސަތުތަކާއި ކުރިއަށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެއެވެ. އަދި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ސްޓޯލްތަކުން އެތަންތަނުން ކުރިއަށްގެންދާ ކޯސްތަކާބެހޭ މަޢުލޫމާތުވެސް ފޯރުކޮށްދެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މެލޭޝިއާގެ ޓެއިލާ ޔުނިވަރސިޓީން ވިދާޅުވީ، މި ފެއާގައި ދަރިވަރުން ޝައުގުވެރިވާ ދާއިރާތައް ބަލާ، އެ ދާއިރާއަކުން ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދެއްވާނެކަމަށެވެ.
"މިފެއާގެ ތެރެއިން މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ފަރާތްތަކާ ސުވާލުކޮށްގެން އެ ފަރާތްތަކުން އެންމެ ޝައުޤުވެރިވާ ދާއިރާއަކީ ކޮބައިތޯ އެބަ ބަލަން. އެދާއިރާއަކުން ކިޔެވުމަށް ޔުނިވަރސިޓީތަކުގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން އެބަ ކިޔައިދެން" މެލޭޝިއާގެ ޓޭލާ ޔުނިވަރސިޓީން ވިދާޅުވިއެވެ.
މި ފެއާ ކުރިއަށްދާނީ މިމަހުގެ 16 އިން 17އަށް ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 10އާ ހަމައަށެވެ. މި ފެއާގައި، ޗައިނާ، ސިންގަޕޫރ، މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ސްޓޯލްތައް ހިމެނެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މި ފެއާއަށް ޒިޔާރަތްކުރި ދަރިވަރުން ވަނީ ފެއާއިން މުހިއްމު މައުލޫމާތުތަކެއް ލިބުނުކަން ފާހަގަކޮށްފައެވެ. "މައި ކިއު ސްޓަޑީ އެކްސްޕޯ"ގައި އެކި ގައުމުތަކުގެ ޔުނިވަރސިޓީތަކުގެ 17އެއްހާ ސްޓޯލް އެބަހުއްޓެވެ.
ކިއު ސްޓަޑީ އަދި ކިއު ވޯލްޑް އެކްސްޕޯއަކީ ގާނޫނީގޮތުން ރަޖިސްޓްރީކޮށްފައިވާ ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރިކުރަމުންދާ ކުންފުންޏެކެވެ. މި ކުންފުންޏަކީ މެލޭޝިއާގެ ކުންފުނިތަކާބެހޭ ގާނޫނުގެ ދަށުން 2017 ވަނަ އަހަރު މެލޭޝިއާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.