ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީއާއި ދެކޮޅަށް ނުކުންނަ މެޗަކީ "ޑޫ އޯ ޑައި" މެޗެއްގެ ގޮތުގައި ގްރީން ސްޓްރީޓްސް ކޯޗު އަލީ ނިސްތާރު މުޙައްމަދު ސިފަކޮށްފިއެވެ.
އާދިއްތަ ދުވަހުގެ ހަވީރަށް ތާވަލުކޮށްފަވާ މެޗާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ނިސްތާރު ބުނީ ޓީމުގެ ހުރިހާ ފޯކަހެއް މިވަގުތު އޮތީ ޓީސީ މެޗަށްކަމަށެވެ. ކޮންމެ މެޗަކަށްވެސް ނުކުންނަނީ މޮޅުވުމުގެ އަޒުމުގައިކަމަށް ވިޔަސް ގްރީން ސްޓްރީޓްސްއަށް ލިބެމުންދާ ނާކާމިޔާބީއަކީ ކޮންސެންޓްރޭޓް ނުކުރެވުމުގެ ސަބަބުން ދިމާވާކަމެއްކަމަށްވެސް އޭނާ ބުނެފަވެއެވެ.
"ދެން އިންނާނީ ޓީސީއާއި، އެމެޗަށް ދެން އިންޝާﷲ ފޯކަސް ކުރާނީ. އޭގެ ފަހުން އިން ތިން މެޗާއި މެދަށްވުރެ ހަމަ އެމެޗަށް އިންޝާﷲ ތައްޔާރުވާނީ" ނިސްތާރު ބުންޏެވެ.
ކުޅުނު 14 މެޗުގެ ތެރެއިން 10 މެޗު މިހާތަނަށް ގްރީން ސްޓްރީޓްސްއަށް ގެއްލިފައިވާއިރު، ތާވަލުގެ 8 ވަނައާއިއެކު އެޓީމު އޮތީ ރެލިގޭޝަން ޒޯނާއި ދާދި ގާތުގައެވެ. އެޓީމަށް ލީގުގައި މިހާތަނަށް އެންމެ 15 ގޯލު ޖެހިފައިވާއިރު، ގްރީން ސްޓްރީޓްސްގެ ކޮޅަށް ވަތް ގޯލުގެ އަދަދުވަނީ 38 އަރާފައެވެ.
ގްރީން ސްޓްރީޓްސްއިން އެންމެފަހުން ލީގުގައި ވާދަކޮށްފަވަނީ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. މިމެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެންނަމަވެސް ދެވަނަ ހާފާއި އެކު އޮޑިންވަނީ ކުޅުން ރަނގަޅުކޮށް ގްރީންގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 2-1 ގެ ތަފާތަކުން އޮޑިންވަނީ މިމެޗު ކާމިޔާބުކޮށްފައެވެ.
ކުޅުނު 14 މެޗުގެ ތެރެއިން 9 މެޗު ކާމިޔާބުކޮށްފައިވާ ޓީސީ މިވަގުތު އޮތީ ގްރީން ސްޓްރީޓްސްއަށްވުރެ ޕޮއިންޓެއް އިތުރަށް ލިބިގެން ތާވަލުގެ 7 ވަނައިގައެވެ.
ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ޓީސީގެ ފަރާތުންވެސް ލީގުގެ ފުރަތަމަ ބުރުގައި މާ ރަނގަޅު ކުޅުމެއް ފެނިފަނުވި ނަމަވެސް ދެވަނަ ބުރާއިއެކު އެޓީމުންވަނީ ކުޅުން ރަނގަޅުކޮށްފައެވެ.
ލީގުގައި ކުރިމަތިވަމުންދާ ނާކާމިޔާބީއަކީ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންގެ ކޮންސެންޓްރޭޝަން އެއްވަރެއްގައި ހިފަހައްޓާ ނުލެވުމުން ދިމާވާ މައްސަލައެއްކަމަށް ނިސްތާރު ގަބޫލުކުރާއިރު އޭނާވަނީ އަންނަ އާދިއްތަ ދުވަހު ޓީސީއާއި ދެކޮޅަށް ކުޅޭ މެޗަކީ "ޑޫ އޯ ޑައި" މެޗެއްގެ ގޮތުގައި ސިފަކޮށްފައެވެ.
"ކޮންމެ މެޗަކީވެސް ޓަފު މެޗެއް. މިއަހަރު ގްރީން ސްޓްރީޓްގައި މި ދިމާވާ މައްސަލައަކީ ކޮންސެންޓްރޭޝަން މިދަނީ އިރުކޮޅުކޮޅާ. މިދާ ގަޑީގައި ކޮންސީޑްވަނީ. އޭތި ކޮންމެ މެޗެއްގައި ފެންނަމުން މިދަނީ. ދެން މާގިނަ ވަގުތެއް ނެތް ކަންނޭނގެ އެކަން އެކްސްކިއުޒްއަކަށް ހަދައިގެން ދައްކާކަށް. ދެން އިނީ "ޑޫ އޯ ޑައި" މެޗެއް. އެޔަށް ދެން އަޅުގަނޑުމެން ރެޑީވާނީ" ނިސްތާރު ބުންޏެވެ.
ޓީސީއާއި ދެކޮޅަށް ނުކުންނަ މެޗަށް ގޭމް ޕްލޭނަށް ބަދަލެއް ގެންނަށް ވިސްނަންތޯ ކުރި ސުވާލަށް ޖާވަބު ދެމުން ނިސްތާރު ބުނެފަވަނީ ކޮންމެ މެޗަކަށްވެސް ތައްޔާރުވަނީ އިދިކޮޅުން ނުކުންނަ ޓީމަކަށް ބަލާފަކަމަށެވެ. މިވަގުތު ޓީމުގަ އަނިޔާގެ މައްސަލަތަކާއި ރަތް ކާޑުގެ މައްސަލައެއްވެސް އުޅޭއިރު ކުރިއަށް އޮތް މެޗަށް ތައްޔާރުވުމުގައި މިކަންކަމަށްވެސް ވިސްނަންޖެހިފައިވާކަމަށް އޭނާ ބުންޏެވެ.
"ކޮންމެ މެޗަކަށްވެސް އަޅުގަނޑުމެން ރެޑީވަނީ އޮޕޮނަންޓަށް ބަލާފަ. އެހެންވީމަ ކުރިން ކުޅުނީ ފަސް ޑިފެންޑަރުން ލައިގެން. މިހާރު ހަތަރެއް، ދޭއް. އެގޮތަށް އޮޕޮނަންޓަށް ބަލާފަ އަޅުގަނޑުމެން މި ރެޑީވަނީ. ދެން އިންޖަރީތައްވެސް އެބައުޅޭ. މިކަންކަމަށް ބަލާފަ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ތައްޔާރުވާނަން" ނިސްތާރު ބުންޏެވެ.
ގަދަ ހަޔަކުން ޖާގަ ކަށަވަރުކުރުމުގެ އަޒުމުގައި ލީގާއި ކުރިމަތިލި ގްރީން ސްޓްރީޓްސްއަށް މިހާތަނަށް ރަނގަޅު ނަތީޖާއެއް ހޯދިފަނުވާއިރު، މިކަމުގެ ސަބަބުން ކުޅުންތެރިން މާޔޫސްވާން ފަށައިފިކަމަށް ނިސްތާރު ފާހަގަކުރިއެވެ. އެހެންކަމުން އޭނާ މަސައްކަތްކުރާނީ ޓީމަށް ހިތްވަރުދީ އަލުން ކުރީގެ ކިކު ގެނައުމަށްކަމަށް އޭނާ ބުނެފަވެއެވެ.
"މިހެން ކޮންމެ ފަހަރަކު ވަންޏާ ވަރަށް ޑްރޮޕްވާނެ ދެއްތޯ. ދެން އަޅުގަނޑުގެ ޖޮބަކީ އެ ޑްރޮޕްދިޔަ ނުދީ މެއިންޓެއިން ކުރުން. ކޮންމެ ގޮތެއްވިޔަސް ޑްރޮޕްވެގެން މެޗެއް ނުނެގޭނެ. ވަރަށް ކިކެއް ގެނެސްގެން ނޫނީ ފަސޭހައެއް ނުވާނެ. ޓީސީއަކީ ވަރަށް ކިކެއްގަ ކުޅޭ ބަޔެއް" ނިސްތާރު ބުންޏެވެ.
ލީގުގައި ގްރީން ސްޓްރީޓްސް އާއި ޓީސީ ވާދަކުރާނީ އާދިއްތަ ދުވަހުގެ ހަވީރެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ދެން އޮތީ ހަތަރު މެޗެވެ.