ކުޅިވަރު

ލިވަޕޫލްގައި ހުންނާނެކަން ޔަގީނެއްނޫން: ރޮބަޓްސަން


ކުރިއަށް އޮތް ސީޒަނުގައި ލިވަޕޫލްގައި އޭނާ ހުންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ވާތު ބެކް އެންޑީ ރޮބަޓްސަން ބުނެފި އެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ކުލަބު ޓޮޓެންހަމަށް ބަދަލުވާން ފުރުސަތު ލިބުމުގެ ކުރިންނެވެ. އެ ކުލަބުން މިހާރު ދަނީ ރޮބަޓްސަން ގަތުމަށް ލިވަޕޫލާ މަޝްވަރާ ކުރަން ފަށައިފަ އެވެ.

އޭނާ އަކީ 2017 ވަނަ އަހަރު ހަލް ސިޓީން އަށް މިލިއަން ޕައުންޑަށް ލިވަޕޫލާ ގުޅުނު ކުޅުންތެރިއެކެވެ. އެގެ ފަހުން އޭނާ ވަނީ ލިވަޕޫލަށް ދެ ފަހަރު ޕްރެމިއާ ލީގު ހޯދައިދީ ކުލަބު ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްދީފަ އެވެ. ރޮބަޓްސަން ފާހަގަ ކުރެވެނީ ކާމިޔާބު ކޯޗު ޔާގެން ކްލޮޕްގެ ކާމިޔާބު ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ކޯޗު އާނޭ ސްލޮޓްގެ ކޯޗުކަމުގައި އޭނާ އަށް ކުރިން ލިބޭ ފުރުސަތުތަކެއް ނުލިބެ އެވެ. ލިވަޕޫލާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ކުލަބުގައި މަޑުކުރާނެތޯ ނޫސްވެރިން އެހުމުން އޭނާ ބުނީ އެއީ އުނދަގޫ ސުވާލެއް ކަމަށެވެ.

"އަހަރެން ލިވަޕޫލްގައި ހުންނަން ބޭނުން. އެކަމަކު އަބަދުވެސް ބަލަންވާނެ ކުރިއަށް. މިތަނުގައި ހުންނާނީތޯ ނުވަތަ ދާނީތޯ އެބަޖެހޭ ކޮން ގޮތެއްތޯ ރަނގަޅީ ބަލަން. އެހެންވީމާ ތިއީ ވަރަށް އުނދަގޫ ސުވާލެއް،" ރޮބަޓްސަން ބުންޏެވެ.
އޭނާ ބުނީ ކޮންމެ ގޮތަކަށް އޭނާ ނިންމި ނަމަވެސް ލިވަޕޫލުގެ އެއްވެސް މީހަކަށް އޭނާ ކުލަބަށް ކޮށްދީފައިވާ ހިދުމަތާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.

"އަހަރެން ހުންނާނެ އިންޖަރީގައި ހުރެގެން ކުޅެފައި. އަހަރެން ހުންނާނެ 50 ޕަސެންޓް ފިޓްކޮށް ހުރެ މުހިންމު މެޗުތައް ކުޅެދީފައި. ބައެއް ފަހަރު 70 ޕަސެންޓް ފިޓްކޮށް ނެތަސް ކުޅެދިން. ލިވަޕޫލާއި އަހަރެންގެ ގައުމަށް އަހަރެން ކުޅެދިނީ ފުރާނަ ފަދައިން. އެހެންވީމާ އަހަރެންނާމެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ،" ރޮބަޓްސަން ބުންޏެވެ.

އޭނާ ބުނީ ކޮންޓްރެކްޓާ އާ ކުރުމުގެ ވާހަކަ ކުލަބުގެ މެނޭޖްމަންޓާއެކު ދެކެވެމުން އަންނަ ކަމަށެވެ. ނަމަވެސް ގޮތެއް ނިންމާނީ ވަރަށް ވިސްނާފައި ކަމަށެވެ.