ޚަބަރު

ސާފް ވިމެންސް ފުޓްސަލް: ރާއްޖެ - ނޭޕާލް


  • ރާއްޖެއިން ވާދަކުރާ ދެވަނަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށް

  • މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ފަރަގު ބޮޑު ނަތީޖާއަކުން އިންޑިއާ އަތުން ބަލިވެފަ

  • ރާއްޖެއިން މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ، ނޭޕާލާ އަތުން މޮޅެއް ހޯދުން މުހިންމު

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެނުންގެ ޑިވިޝަނުގައި ރާއްޖެއިން ވާދަކުރާ ދެވަނަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ފަރަގު ބޮޑު ނަތީޖާއަކުން އިންޑިއާ އަތުން ބަލިވެފައެވެ. އިންޑިއާއިން ރާއްޖެ ބަލިކުކުރީ 1-11 ގެ ނަތީޖާއަކުންނެވެ. ރާއްޖެއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައިނުވާއިރު، އެއާ ޚިލާފަށް ނޭޕާލް ވަނީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޕޮއިންޓެއް ހޯދާފައެވެ. ސްރީލަންކާއާ ދެކޮޅަށް ކުޅުނު މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގްނެނެވެ.

މިއާއެކު ރާއްޖެއިން މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ، ނޭޕާލާ ދެކޮޅަށް މޮޅެއް ހޯދުން މިއީ މުހިންމު ކަމެކެވެ. އަނެއްކޮޅުން ނޭޕާލަށް ވެސް ފުރަތަމަ މެޗުން ލިބުނު ޕޮއިންޓާއެކު ހިންދެމިލެވެން ނެތްއިރު، މަގާމު ދެމެހެއްޓުމަށް ރާއްޖެ ބަލިކުރުން މުހިންމެވެ.

ދިވެހިރާއްޖެ

މުބާރާތަށް ރާއްޖެ ޓީމުން ތައްޔާރުވެފައި ވަނީ އައުޓްޑޯ ޓާފްގައި ކުޅެގެންނެވެ. މުބާރާތުގެ ކުރިން އިންޑޯ ޕިޗަށް ހޭނިލަން ލިބުނީ އެންމެ ދެ ޕްރެކްޓިސްއެވެ. ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ރަނގަޅު ވަސީލަތްތައް ނެތި، ދިވެހި ކުޅުންތެރިން ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް، މިއީ ދިވެހި ޓީމުން މާޔޫސްވެ، ކަރު އެލުވާލަންޖެހޭނެ ސަބަބެއް ނޫނެވެ.

އަނެއްކޮޅުން ބަލާއިރު ފުރަތަމަ މެޗުގައި ވާދަކުރި އިންޑިއާ އަކީ އަންހެނުންގެ ފުޓްސަލްގައި މި ސަރަހައްދުގައި އެންމެ ގަދަ ބާރެވެ. ސަބަބަކީ އެ ޓީމުން މީގެކުރިން ބައިނަލްއަގްވާމީ ތަޖުރިބާކޮށްފައިވުމެވެ. މިދިޔަ އަހަރު އިންޑިއާއިން ވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ކުޅެފައެވެ.

އެހެންކަމުން އައު ހިތްވަރަކާއެކު ކުޅެފިނަމަ، ކުރިއަށް އޮތް މެޗުގައި ރާއްޖެއަށް ކާމިޔާބީއާ ހަމައަށް ވާސިލްވެވެން ނެތް ސަބަބެއް ނެތެވެ.

ސްކޮޑު

ނޭޕާލް

މުބާރާތުގައި ނޭޕާލުން ކުޅުނު ފުރަމަތަ މެޗުން ފާހަގަވި އެއް ކަމަކީ އެ ޓީމުގެ ކުޅުންތެރިންނަކީ އިންޑިވިޖުއަލް ޑްރިބްލިން ހުނަރު ހުރި، މޮޅެތި ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމެވެ.

ޚާއްސަ ގޮތެއްގައި ފުރަތަމަ ހާފުގައި ނޭޕާލް ޓީމުން ވަނީ އެޓޭކިން މޮޅު ގޭމެއް ކުޅެފައެވެ. ނަމަވެސް ފަހު ހާފުގައި ހެދުނު ގޯސްތަކުގެ ސަބަބުން އެ މެޗުން އެ ޓީމަށް ތިން ޕޮއިންޓު ގެއްލުނީއެވެ.

އެހެންކަމުން، ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، ދެވަނަ މެޗަށް، ރާއްޖެއާ ދެކޮޅަށް ނޭޕާލުން ނުކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ތިން ޕޮއިންޓުގެ އުއްމީދުގައެވެ.

ސްކޮޑު

ޕޮއިންޓް ތާވަލް އެތުރިފައިވާ ގޮތް

މުބާރާތުގައި މިހާތަނަށް އައި އިރު އެއްވެސް މެޗެއް ނުކުޅޭ ޤައުމަކަށް އޮތީ ބަންގްލަދޭޝްއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރި އިންޑިއާއިން ރާއްޖޭގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު އެ ޤައުމަށް އެއްވަނަ ލިބޭއިރު އިންޑިއާގެ ފަހަތުން އޮތީ އެއް ޕޮއިންޓާއެކު ނޭޕާލް، ޕާކިސްތާން، ބޫޓާން އަދި ސްރީލަންކާއެވެ. ހަވަނައިގައި މެޗެއް ނުކުޅޭ ބަންގްލަދޭޝް އޮތްއިރު ފުލުގައި އޮތީ ބައިކޮޅަށް 11 ލަނޑު ވަތް ދިވެހިރާއްޖެއެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިއަށްގެންދާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަކީ ސަރަހައްދީ ގައުމުތަކުގެ ފުޓްސަލްގެ ފެންވަރު ވަޒަންކޮށްލަން ލިބޭ ރަނުގެ ފުރުސަތަކަށެވެ.

މުބާރާތް ކުރިއަށް ދަނީ 13 ޖަނަވަރީން 25 ޖަނަވަރީގެ ނިޔަލަށެވެ.