ޚަބަރު

ޅެންވެރިންގެ ދުވަސް ލަބީބުގެ ޚިދުމަތަށް


  • ޅެން ހެއްދެވުމުގެ މަސައްކަތް ފެއްޓެވީ އުމުރުން އެންމެ 16 އަހަރުގައި

  • ޅެންވެރިކަމުގެ ވާދީގެ ތެރެއަށް ލަބީބު ނުކުންނެވީ "ރަމަޟާން މުބާރިކް" ޅެމުން

ދިވެހި ޝާޢިރިއްޔާތުގެ ދުނިޔެއަށް ޚިދުމަތްކުރައްވާ ކުޅަދާނަ ޝާޢިރުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، 1989ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީމަހުގެ 15ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި ޅެންވެރިންގެ ދުވަހުގެ ގޮތުގައެވެ.

ދިވެހިބަހުގެ އަދަބިއްޔާތަށް މުއްސަނދިކަމާއި އާރޯކަން ގެނުވައިދޭ، އަދަބިއްޔާތުގެ އެންމެ މުހިންމު ބަހާއަކީ ދިވެހި ޅެންވެރިކަމެވެ. ދިވެހި ޅެންތަކަކީ އޭގައި ފުން އަސަރާއި ފަށުވިކަން އެކުލެވޭ އަދަބިއްޔާތުގެ ރީތި އުފެއްދުންތަކެކެވެ. ދިވެހި ޝާޢިރުންގެ މުއްސަނދި ޚިޔާލުތަކާއި ހުނަރުވެރިކަން ދައްކުވައިދޭ ހެކިތަކެކެވެ. ބުނަން ބޭނުންވާ ވާހަކައެއް، ދޭން ބޭނުންވާ މެސެޖެއް ނުވަތަ މުޖުތަމަޢުގައި އާންމުވާ މައްސަލަތަކަށް ރިއާޔަތްކޮށް އެބޭފުޅުން ޅެން ހައްދަވައެވެ.

ކޮންމެ އަހަރެއްގެވެސް ދިވެހި ޅެންވެރީންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ، ޅެންވެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ވަކި ބޭފުޅަކަށް ތަޚްސީސް ކުރައްވައިގެންނެވެ. މިގޮތުން މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްސީސްކުރެއްވުމަށް ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅުއްވާފައިވަނީ، އަޅުގަނޑުމެން އެންމެންގެ ލޯބި އެބޭފުޅަކަށް ލިބިފައިވާ ސ. ހިތަދޫ ކެމީ ހަސަން ލަބީބަށެވެ.

ހަސަން ލަބީބަކީ، ދިވެހި ޅެންވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ތަފާތު ވަޒަންތަކަށް، އެކި މަޢުޟޫތަކަށް، އެކި ހާލަތްތަކަށް ޅެން ހައްދަވާފައިވާ މޮޅު ޝާޢިރެކެވެ. ވައިގައި ހިފާފައިވާ ރީތި ޅެމާއި ލަވަ ހަސަން ލަބީބުގެ ޅެންބަހުރުވައިގެ ތެރެއިން ފެންނަން އެބަހުއްޓެވެ.

ހަސަން ލަބީބުގެ ޅެންވެރިކަން

ހަސަން ލަބީބު ޅެން ހެއްދެވުމުގެ މަސައްކަތް ފެއްޓެވީ އުމުރުން އެންމެ 16 އަހަރުގައެވެ. އޭނާ އަކީ ކުޅަދާނަ މުގައްރިރެކެވެ. ތަފާތު ރޮނގުތަކުން ޅެން ހައްދެވި ބޭފުޅެކެވެ. ޅެންވެރިކަމުގެ ދާއިރާގައި ލަބީބު މަސައްކަތްކުރައްވާތާ 60އެއްހާ އަހަރު ވެއްޖެއެވެ.

ޅެންވެރިކަމުގެ ވާދީގެ ތެރެއަށް ލަބީބު ނުކުންނެވީ "ރަމަޟާން މުބާރިކް" ޅެމުންނެވެ. އެއިން އެތައް ކުށެއް އޭނާގެ ބޮޑުބޭބެ ރަނގަޅު ކޮށްދެއްވިއެވެ. އެ އިސްލާހުތަކާއެކު ލަބީބުގެ ޅެންވެރިކަމުގެ ޚިޔާލާތަށް ކާނާލިބި މަޑުމަޑުން ހެދެން ފެށިއެވެ.

ހަސަން ލަބީބަކީ، ދިވެހި އަދަބިއްޔާާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދީބެކެވެ. އެތައް ބަޔަކަށް ޅެން ހަދަން ދަސްކޮށްދެވި މުދައްރިސެކެވެ. ޚާއްސަކޮށް އައްޑޫގައި މަސައްކަތްކުރާ ޅެންވެރިންގެ މެދުގައި ރޫހު އުފައްދައި، އިތުރު ޅެންވެރިން މުޖުތަމައަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ހަސަން ލަބީބަކީ، އެކި ދުވަސްތަކާ ގުޅުވައިގެން، ޚާއްސަ މުނާސަބާތަކަށާއި، އެކި ކަންކަމަށް ޅެން ހެއްދެވި ބޭފުޅެކެވެ. ތަފާތު ތައްގަނޑުތަކަށް، ތަފާތު ވަޒަންތަކަށް ޝުޢޫރާއި ތަޖުރިބާތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ. ޚާއްޞަކޮށް، ޤައުމީ މުނާސަބަތުތަކަށާއި، އައްޑުއަތޮޅުގެ އެކި ސްކޫލްތަކުގައި ފާހަގަކުރެވޭ އެކި މުނާސަބަތުތަކާ ގުޅޭގޮތުން ޅެން ހެއްދެވިއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވި ފަތްތޫރަ މަޖައްލާއަށްވެސް ތަފާތު އެތައް ޅެންތަކެއް ހައްދަވައިދެއްވައިދެއްވިއެވެ.

ހަސަން ލަބީބު ހައްދަވާފައިވާ މަޝްހޫރު ބައެއް ޅެންތަކުގެ ތެރެއިން، "ނޮވެންބަރުގެ ހަނދާނުގައި "މި ޅެމާއި، "ޝަހީދުވީ ބަޠަލުންގެ ޒިކުރާއިން އައު ރޫޙެއް ލިބިގަންނަމާތޯ؟" މި ޅެމާއި، "ޤައުމީ މަލުގެ ތަޞައްވުރު" ފަދަ ޅެންތަކަކީ އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ ފާހަގަކޮށްލެވޭ ރީތި ޅެންތަކެކެވެ.

ޅެންވެރިކަމުގެ ރޮނގުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އައްޑޫ އެވޯޑުގެ ޝަރަފްވެރި ބައިން ބަހާއި އަދަބަށް ޚިދުމަތް ކުރެއްވުމުގެ، އެވޯޑުވެސް ލަބީބަށް ލިބިވަޑައިގެންނެވިއެވެ. އަދި ގައުމީ ޚިދުމަތުގެ އެވޯޑުވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.

އަދުގެ މުޖުތަމައުގެ ހާލުގެ ދުލުން އެދިގޮވަނީ ލަބީބުފަދަ ޚިދުމަތްތެރިންނަށެވެ. ކުށްބަސް ބޭނުންކުރުން މުޖުތަމައުގައި އާންމުވެފައިވާ މިފަދަ ދުވަސްވަރެއްގައި ލަބީބު ފަދަ ބޭފުޅުންގެ އިރުޝާދާއި ޚިދުމަތް އިންތިހާއަށް އެބަބޭނުންވެއެވެ.