ތައިލެންޑުގައި ފަށާ ސާފް ފުޓްސަލް މުބާރާތުގެ އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ހޯދައިފިއެވެ.
މިއާއެކު މި މުބާރާތުގައި ރާއްޖޭގެ ޤައުމީ ފިރިހެން އަދި އަންހެން ޓީމުން ކުޅޭ މެޗުތައް ހިމެނޭހެން މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔެސް ޓީވީ މެދުވެރިކޮށް ފެންނާނެއެވެ. އަދި މުބާރާތުގައި ކުޅޭ މެޗުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި މުބާރާތާ ގުޅުންހުރި ޚަބަރުތައް ޕީއެސްއެމް ނިއުސް މެދުވެރިކޮށް ގެނެސްދޭނެއެވެ. މުބާރާތުގެ މެޗުތައް ލައިވް ކުރުމުގައި ބެލުންތެރިންނަށް އެންމެ ފުރިހަމަ ކަވަރޭޖެއް ގެނެސްދިނުމަށްޓަކައި ޕީއެސްއެމްގެ ޓީމުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީއެސްއެމްއިން ވަނީ ޤައުމީ ޓީމުތައް ވާދަކުރާ މުބާރާތްތަކާއި ރާއްޖޭގައި ބާއްވާ އެކިއެކި މުބާރާތްތަކުގެ ލައިވް ކަވަރޭޖްގެ އިތުރުން، ބައިނަލްއަޤްވާމީ ބޮޑެތި ކުޅިވަރު ޙަރަކާތްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އެ ގޮތުން ސާފް ފުޓްބޯޅަ މުބާރާތްތަކާއި ފީފާ ވޯލްޑް ކަޕާއި ޔޫރޯ ޕީއެސްއެމްއިން ވާނީ ޚާއްޞަ ކަވަރޭޖްތަކާއެކު ގެނެސްދީފައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ރާއްޖެއިން ދެވަނަ މެޗުގައި 16 ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 20 ވަނަ ދުވަހު ރާއްޖެއިން އިންޑިޔާއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ހަތަރު ވަނަ މެޗުގައި 22 ވަނަ ދުވަހު ރާއްޖެއިން ވާދަކުރާނީ ނޭޕާލާއެވެ. މުބާރާތުގައި ރާއްޖެއިން ކުޅޭ ފަސްވަނަ މެޗުގައި 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ހަވަނަ މެޗުގައި 26 ވަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
މީގެ އިތުރުން، މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ވާދަކުރާނީ އިންޑިޔާއާއެވެ. ދެވަނަ މެޗުގައި 15 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނައިރު ތިންވަނަ މެޗުގައި 17 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅެން ޖެހޭނެއެވެ. މުބާރާތުގައި ޤައުމީ އަންހެން ޓީމުން ކުޅޭ ހަތަރުވަނަ މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނާނީ 21 ވަނަ ދުވަހުއެވެ. އަދި ފަސްވަނަ މެޗުގައި 23 ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ނުކުންނައިރު ހަވަނަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ 25 ވަނަ ދުވަހުއެވެ.
ދެ މުބާރާތުގެ ވެސް ޗެމްޕިއަން ޓީމުގެ ގޮތުގައި ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.