ޚަބަރު

ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި


  • ރިޔާސީ ބަޔާން އިއްވަވަނީ ކޮންމެ އަހަރަކަށްވެސް މަޖިލިސް ފަށާ ޖަލްސާގައި

  • ޖަލްސާ އޮންނާނީ މަޖިލިސްކުރާ ގޭގައި

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނިންމަވާފައިވާކަމަށެވެ. މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލު ވެވަޑައިގެންނެވިފަހުން ދެއްވާ 3ވަނަ ރިޔާސީ ބަޔާނެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެއެވެ.

މަޖިލީހުގެ ޤަވާއިދުގައި އޮންނަ ގޮތުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެއެވެ. އަދި މި ޖަވާބު އެކުލަވާލުމުގައި މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ގަވާއިދުގެ ދަށުން ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހު މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވާނެކަން މަޖިލީހުން ހާމަކުރައްވާފައިވާއިރު، މިއަހަރު ފެށުނު ފަހުން މަޖިލީހުގެ ދައުރުން ބޭރުން މިހާތަނަށް ވަނީ 2 ޖަލްސާއެއް ބާއްވާފައެެވެ.