ޚަބަރު

ރަށެއްގެ ޚާއްޞަކަން ނުގެއްލޭނެހެން ތަރައްޤީ ގެނައުން މުހިންމު: ވަޒީރު އާދަމް ޝަރީފް


  • ކޮންމެ ރަށަކަށްވެސް ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ކަމަށް ވިދާޅުވި

  • ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ މުހިއްމުކަން ފާހަގަކުރެއްވި

ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރަންވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބ. ދަރަވަންދޫއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ބޭއްވި "މަގޭ ދަރަވަންދޫ އެވޯޑު 2025" ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދަރަވަންދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ޙަވާލު ކުރުމަށް އެރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވަފައެވެ. މިއީ އެ ރަށުގެ އިޖުތިމާޢީ ރޫޚު އާލާކޮށް، ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި މުހިންމު ހަރަކާތެއް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

"މަގޭ ދަރަވަންދޫ އެވޯޑު 2025"ގެ ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ކޮންމެ ރަށަކީވެސް ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށާއި، އެގޮތުން ދަރަވަންދޫއަކީވެސް ޤުދުރަތީ ގޮތުން ވަރަށް ގިނަ ސިފަތަކެއް ލިބިގެންވާ ރަށެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތައް ތަރައްޤީ ކުރެވިގެންދާއިރު، އެ ރަށެއްގެ އަމިއްލަވަންތަ ކަމާއި، ތާރީޚީ އަދި ޤުދުރަތީ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ތާރު އެޅުމާއި، އެހެނިހެން ވަސީލަތްތައް ޤާއިމު ކުރާއިރުވެސް، ރަށުގެ ވެށި ޙިމާޔަތް ކުރުމަށް އިސްކަންދޭން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ، ކައުންސިލްތަކުގެ އެއްބާރުލުންވެސް ލިބިގެން. އަދި މިނިޒާމުގެ ދަށުން ރަށް ރަށަށް އުމްރާނީ ތަަރައްޤީތައްވެސް ގެނެސްގެން. އެގޮތުން ރަށްރަށަށް އުމްރާނީ ތަރައްޤީ ގެންނައިރު ނުވަތަ މުހިންމު މަޝްރޫޢުތައް ހިންގާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްޤީގެ މަޝްރޫއުތައް ހިންގުން މުހިންމު." ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމަކީ ވަރަށް މުހިންމު ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ، ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން އެއްބާރުލުމާއެކު މަސައްކަތް ކޮށްގެން ކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްތަކުގައި މިހާރުވެސް ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތަކަކީ، އެރަށެއްގެ ރައްޔިތުން އެދޭ ގޮތަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. މީގެެ ތެރެއިން ބައެއް ރަށްރަށުގައި ތާރު ނާޅައި، މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.