އެފްރިކާ ކަޕް ފުޓޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އަލްޖީރިއާ ދެކޮޅަށް މިރޭ ނުކުތުމުގެ ކުރިން ނައިޖީރިއާ ޓީމު ބޯނަސްގެ މައްސަލާގައި އަނެއްކާ ވެސް ރޫޅިއްޖެ އެވެ.
މުބާރާތުގެ ކުރިން ބޯނަސްގެ މައްސަލަ ޖެހުނު ނައިޖީރިއާ ޓީމުގައި މި ފަހަރު މައްސަލަ ޖެހުނީ މުބާރާތުގައި އެ ޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ކުޅުންތެރިންނަށް ދޭންވާ ބޯނަސް ނުދީ އޮތުމުންނެވެ. މިކަމާމެދު އެންމެ ބޮޑަށް މައްސަލަ ޖައްސާ ކުޅުންތެރިއަކީ ޓީމުގެ އެންމެ މުހިންމު ފޯވަޑް ވިކްޓަރ އޮސިމްހެން އެވެ.
ނަމަވެސް ކޯޗު އެރިކް ޗެއްލޭ މިއިން އެއްވެސް ވާހަކަ އަކަށް ޖަވާބު ދޭން ބޭނުމެއްނުވި އެވެ. އޭނާ ބުނީ ބޯނަސްއާ ގުޅުންހުރި ސުވާލުތައް ކުރަން ޖެހޭނީ ނައިޖީރިއާގެ ފުޓްބޯޅަ ފެޑަރޭޝަނަށް ކަމަށެވެ.
"އަހަރެންގެ ވަޒީފާ އަކީ ކޯޗުކޮށްދިނުން. އަހަރެން ފޯކަސް ކުރަނީ ހަމައެކަނި ދަނޑުމަތީގައިވާ ކަންކަމަށް. ޔަގީނުން ވެސް އަހަރެންގެ ވަޒީފާ އަކީ ދަނޑުމަތީގެ ކަންކަން. ވަށައިގެންވާ ކަންކަމެއްނޫން،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާއާ ސުވާލު ކުރުމުން ކޯޗު ބުންޏެވެ.
ނައިޖީރިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ވެސް ދަނީ ގައއުމީ ޓީމަށް ދާއިމީ ކޯޗެއް ހޯދުމަށް އިސްތިހާރު ކުރަމުންނެވެ. އެރިކް އަކީ ވަގުތީ ކޯޗެކެވެ. ނައިޖީރިއާގެ މީޑިއާތަކުން ބުނަނީ ކުޅުންތެރިންނާއެކު އެއްބަސްވެފައިވާ ގޮތަށް ބޯނަސް ނުދޭނަމަ ޕްރެކްޓިސް ނުކުރަން ކުޅުންތެރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޯޗު އެރިކް ބުނީ ޓީމު ޔަގީނުން ވެސް ހުކުރު ދުވަހު ފަރުތަކުރާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ އޮސިމްހެން އާއި ފޯވަޑް އަޑެމޯލާ ލޫކްމަންއާ ދެ ކުޅުންތެރިން މައްސަލަ ޖެހި އޮސިމްހެން ޓީމާ އެކަހެރިވެގެން ހުރި ވާހަކަ ދޮގުކޮށްފަ އެވެ.
"އަހަރެން ބޭނުންވަނީ ކުރިއަށް މެޗުގެ ވާހަކަ ދައްކަން އެކަނި. އޮސިމްހެން މިތަނުގައި ޔަގީނުން ވެސް އެބަހުރި. ދެން ތެދެއް އެންމެން ވެސް އޮސިމްހެން އާއި ލޫކްމަންއާ ބެހޭ ގޮތުން. އެއީ އާއްމުކޮށް. އެ ދެ ކުޅުންތެރިންނަކީ އެފްރިކާގެ އެންމެ މޮޅު ދެ ކުޅުންތެރިން. އަހަރުމެން މި ތިބީ އެ ކުޅުންތެރިން ގޯލު ޖަހަން މަގުފަހިކޮށްދޭނެ. އަހަރުމެންނަކީ ޓީމެއް. އަހަރުމެން މަސައްކަތް ކުރަނީ ޓީމެއްގެ ގޮތަށް،" ކޯޗު ބުންޏެވެ.
ބުނެވޭ ގޮތުގައި ދެ ފޯވަޑުން މައްސަލަ ޖެހުނީ މޮޒަންބީކް އަތުން ނައިޖީރިއާ މޮޅުވި މެޗުގައި އޮސިމްހެން އަށް ހެޓްރިކް ހަދަން ލޫކްމަން ފުރުސަތު ނުދިން ކަމަށް ތުހުމަތުކޮށެވެ. އެ މެޗުގައި އޮސިމްހެން ޖެހި ދެ ގޯލުގައި ލޫކްމަންގެ ހިއްސާ ބޮޑެވެ. ފަހުން ލިބުނު ފުރުސަތުތައް އޭނާ އަމިއްލަ އަށް ޖަހަން އުޅުމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.
އެންމެ ފަހުގެ މުބާރާޓުގެ ފައިނަލުގައި އައިވަރީ ކޯސްޓް އަތުން ބަލިވި ނައިޖީރިއާ ވަނީ މިހާތަނަށް މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މި ފަހަރު އެ ގައުމުން ހަތަރު ވަނަ ފަހަރަށް ތަށި ހޯދަން މަސައްކަތް ކުރާއިރު އަލްޖީރިއާ މަސައްކަތް ކުރަނީ ތިން ވަނަ ފަހަރަށް ތަށި ހޯދުމަށެވެ.