ކުޅިވަރު

ރާއްޖޭގެ ދައުވަތަށް ވަކި ގޮތެއް ނުނިންމަން: ބަނގްލަދޭޝް


މި އަހަރު މެދުތެރޭގައި ރާއްޖޭގައި ބާއްވަން ނިންމާފައިވާ ޑައިމަންޑް ޖުބުލީ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ކުޅުމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށް ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ.

ބަނގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމަށް ރާއްޖޭގެ އެފްއޭއެމުން ދައުވަތު ދިނީ ދިވެހި ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ މުބާރާތުގައި ސްރީލަންކާ އާއި ނޭޕާލާއެކު ބައިވެރިވުމަށެވެ. މީގެ ތެރެއިން ލަންކާއިން ވަނީ މުބާރާތް ކުޅޭނެކަން ޔަގީންކޮށްދީފަ އެވެ.

ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސް އޮފިޝަލަކު އެ ގައުމުގެ މީޑިއާތަކަށް ބުނެފައިވަނީ ރާއްޖޭގެ މުބާރާތުގައި ކުޅުމާމެދު ގޮތެއް ނިންމާނީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަދި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން ތާބިލް އައްވަލް ކަމަށެވެ. އޮފިޝަލް ބުނީ ދެކުނު އޭޝިޔާގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހު އޮންނަކަމުގައިވާނަމަ އެ މުބާރާތަށް ތައްޔާރުވާން ރާއްޖެ އަށް ބަނގްލަދޭޝް ޓީމު ފޮނުވުން ވަރަށް ގާތް ކަމަށެވެ.

ބަނގްލަދޭޝް އަކީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވައިދޭން މިހާރު ސާފުން އެދިފައިވާ ގައުމެވެ.