އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އާސެނަލް އިން ވަނީ ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ހަތަރު ހަމަލައެއް ފޮނުވާލާފަ އެވެ.
މި މެޗަށް އާސެނަލް ނިކުތްއިރު އަނިޔާގެ ސަބަބުން ހޫގޯ އެކިޓީކޭ އަށް ވަނީ މި މެޗުގައި ކުޅެވޭ ގޮތް ނުވެފަ އެވެ.
އާސެނަލް އިން މި މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް މި ހާފުގައި އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ އާސެނަލް އަށެވެ. އެ ޓީމުގެ ޑިފެންޑަރ ބްރޭޑްލީ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑި އަށެވެ.
މިދިޔަ ބުދަ ދުވަހު އެސްޓަން ވިލާ އާއި މެންޗެސްޓަރ ސިޓީ ކުޅުނު މެޗު އެއްވަރުވުމާއިއެކު މި މެޗަށް އާސެނަލް އިން ނިކުމެފައިވަނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނެގުމަށެވެ.
ނަމަވެސް މި މެޗު އެއްވަރުވުމާއިއެކު އާސެނަލް އަށް މިހާތަނަށް ކުޅުނު 21 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. ލިވަޕޫލް އަށް 21 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.
ލިވަޕޫލް އަށް މި މެޗުން ޕޮއިންޓެއް ލިބިފައިވާއިރު އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުވެސް ބަލިނުވެ ނިންމާލާފަ އެވެ.