ސްޕެނިޝް ސުޕަކަޕް ކުޅޭ ތާރީހާއި ކުޅޭ ގައުމު ބަދަލު ކުރަން ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން އަމާޒު ހިފައިފި އެވެ.
ސސުޕަކަޕް މިހާރު ކުޅެމުން އަންނަނީ ސައޫދީ އަރަބިއާގަ އެވެ. ތިން މެޗުގެ މުބާރާތަށް ސުޕަކަޕް ބަދަލު ކުރީ ވެސް ސައޫދީން ބައިބިލިއަނެއްހާ ފައިސާ މުބާރާތަށް ދޭން ނިންމުމުންނެވެ. މި މުބާރާތް 2030 ވަނަ އަހަރާ ހަމައަށް ސައޫދީގައި ކުޅެން މިހާރު ވަނީ އެގްރީމަންޓް ކޮށްފަ އެވެ.
ނަމަވެސް އަންނަ އަހަރު 2027 ވަނަ އަހަރު މުބާރާތް ކުޅޭނީ ޑުބާއީގަ އެވެ. މި ގޮތަށް ބަދަލުކުރަން ނިންމީ އާއްމުކޮށް މުބާރާތް ކުޅޭ ޖެނުއަރީ މަހު ސައޫދީ އަރަބިއާގައި ގިނަ އަދަދެއްގެ މުބާރާތްތަކެއް އޮތުމުންނެވެ. އޭގެ ތެރޭގައި އޭއެފްސީ އޭޝިއަން ކަޕް ވެސް ހިމެނެ އެވެ. މިހެންވެ ޑުބާއީގައި މުބާރާތް ބަދަލު ކުރި ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް ކުޅޭނީ ސައޫދީގަ އެވެ.
ސުޕަކަޕް މިއަހަރު ކުޅޭ ހަތަރު ޓީމު މިހާރު ވަނީ ސައޫދީގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ވަނީ ސެމީ ފައިނަލުގައި އެތްލެޓިކް ކުލަބު ބަލިކޮށް ފައިނަލަށް ދަތުރުކޮށްފަ އެވެ. މި ދެ ކުލަބުގެ ތެރެއިން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އާއި ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރަފޭލް ލައުޒެން ވަނީ އިއްޔެ ބައްދަލުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑުގެ އިސް ވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.
މި ބައްދަލުވުންތަކުގައި އެންމެ ބޮޑަށް މަޝްވަރާ ކޮށްފައިވަނީ މުބާރާތް އަންނަ އަހަރުން ފެށިގެން ފެބްރުއަރީ ކުރީކޮޅަށް ބަދަލު ކުރުމާމެދުގަ އެވެ. މިއީ ސައޫދީ އަރަބިއާގެ ހުށަހެޅުމެވެ. އެ ގައުމުން މިތާރީހު ބަދަލު ކުރަން ބޭނުންވަނީ ސައޫދީގެ ކުލަބުތަކާ މަޝްވަރާ ކުރުމަށްފަހު އެވެ.
ސްޕެނިޝް ސުޕަކަޕަށް މި އަހަރު އެކަނި ވެސް ސައޫދީން 52 މިލިއަން ޑޮލަރުދޭނެ އެވެ. މި ފައިސާގެ ތެރެއިން މުބާރާތުގެ އިނާމް ފައިސާ ދޭން ނިންމާފައިވަނީ ތިން ބަޔަކަށެވެ. ރެއާލް އާއި ބާސެލޯނާ މުބާރާތުގައި ވާދަކުރާތީވެ ކޮންމެ ކުލަބަކަށް ހަ މިލިއަން ޔޫރޯ ލިބޭނެ އެވެ. ނަމަވެސް އެތްލެޓިކޯ މެޑްރިޑާއި އެތްލެޓިކް ކުލަބަށް ލިބޭނެ އަދަދު މުޅިން ސާފެއް ނޫނެވެ. މުބާރާތުގެ ފައިނަލަށް ހިނގައްޖެނަމަ ލިބޭނީ 1.15 މިލިއަން ޔޫރޯ އެވެ. ޗެމްޕިއަންކަން ހޯދައިފިނަމަ ތިން މިލިއަން ޔޫރޯ ލިބޭނެ އެވެ. ހުސްވި ސީޒަނުގެ ޗެމްޕިއަން ބާސެލޯނާ ސައޫދީން ސްޕޭނަށް ދިޔައީ މި ގޮތުގެ މަތީން ޖުމުލަ ނުވަ މިލިއަން ޔޫރޯ ހިފައިގެންނެވެ.
މި މުބާރާތް ސައޫދީ އަރަބިއާގައި ކުޅޭތީވެ ގިނަ ފާޑުކިއުންތަކެއް ވެސް އަމާޒުވެ އެވެ. މީގެ ތެރޭގައި ސައޫދީ އަންހެނުންނަށް ދަނޑުތަކަށް ނުވަދެވޭ މައްސަލަ ވެސް ހިމެނެ އެވެ.