ބަލިވެ، މުބާރާތުން ކެޓުމުން ޕޯޗުގަލްގެ ބެންފީކާގެ ކުޅުންތެރިން ގެއަށް ދިއުން މަނާކޮށް، ކުލަބު ހައުސްގައި "ބަންދު" ކޮށްފި އެވެ.
ބަންފީކާގެ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ މި ގޮތަށް ނިންމީ ޕޯޗުގީޒް އެލިއާންޒް ކަޕުގެ ސެމީ ފައިނަލުގައި ބްރާގާ އަތުން އެ ޓީމު ހީކުރާ ގޮތަކަށް ބަލިވެ މުބާރާތުން ކެޓުމުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބެންފީކާ 2-0އިން ފަހަތުގައި އޮއްވައި މެޗު ނިމުނީ 3-1އިންނެވެ.
މެޗަށް ފަހު މޮރީނިއޯ ބުނީ މި ނަތީޖާގެ ސަބަބުން އޭނާގެ ނިންޖަށް ބުރޫއަރާނެ ކަމަށެވެ. އަދި އޭނާ އެދެނީ އޭނާ ފަދައިން ކުޅުންތެރިން ނުނިދި މި ނަތީޖާއާ މެދު ވިސްނައި ފިކުރު ކުރަން ކަމަށެވެ. މޮރީނިއޯ ބުނީ ކުޅުންތެރިން ގެއަށް ދިއުމުގެ ބަދަލުގައި ކުލަބު ހައުސްގައި ނިދާ ގޮތަށް ނިންމީ މި ބައްޔާމެދު ފުންކޮށް ވިސްނައި ކުރިއަށް އޮތް އެފްސީ ޕޯޓޯ މެޗަށް ތައްޔާރުވުމަށް ކަމަށެވެ.
"އަހަރުމެން ވިސްނީ ފައިނަލް ކުޅެން. އެހެންވީމާ (ބަލިވީމާ) އަހަރުމެން ގެއަކަށް ނުދާނެ. އަހަރުމެން ދާނީ ސީކްޒަލް (ކުލަބު ހައުސް) އަށް. ކުޅުންތެރިން ނިދާނީ އެތަނުގައި. އަދި މާދަމާ ޓްރޭނިން އޮންނާނެ. އޭގެ އަނެއް ދުވަހު ވެސް ޓްރޭނިން އޮންނާނެ. އެކަމަކު ހޮނިހިރު ދުވަހު އަހަރުމެން ކުޅޭނެ މެޗެއް ނެތް. އަހަރުމެންނަށް ދެން އޮތް މެޗަކީ ޕޯޓޯއާއެކު (ޕޯޗުގަލް ކަޕުގައި ކުޅޭ ކުއާޓާ ފައިނަލް) މެޗު. އަހަރެން އެދެނީ އަހަރުމެން ސީކްޒަލް އަށް ދިއުމަށްފަހު ކޮންމެ ކުޅުންތެރިއަކު ވެސް އެ މީހެއްގެ ކޮޓަރިއަށް ގޮސް އަހަރެން ފަދައިން ނިދަން. އެއީ އަހަރެންނަކަށް ނުނިދޭނެ (މިހެންވީމަ). ނުނިދައި މިކަމާމެދު ވިސްނަން އަހަރެން ބޭނުންވަނީ. އަހަރެން ހަމަގައިމު ވެސް ވިސްނާނަން،" މޮރީނިއޯ ބުންޏެވެ.
މުބާރާތުން ސްޕޯޓިން ކެޓުމުން ޗެމްޕިއަންކަން ހޯދުމަށް ބެންފީކާ ވަރަށް ބޮޑަށް އުއްމީދު ކުރި އެވެ.
މޮރީނިއޯ ބެންފީކާއާ ހަވާލުވީ ސީޒަން ފެށުނުތަނާހެން އިޓަލީގެ ރޯމާއިން އޭނާ ވަކި ކުރުމުންނެވެ. އޭނާ ބުނީ ކުޅުންތެރިން އެކަކު އަނެކަކާ މުއާމަލާތް ކުރާވަރު މަދު ކަމަށާއި އެކަމާ ފިކުރު ބޮޑުވާ ކަމަށެވެ.
"އެހެންވީމާ އަހަރެން ކުޅުންތެރިންނާ ވާހަކަ ދައްކާނަން ޗޭންޖިން ރޫމުގައި. އަހަރުމެން ފުރަތަމަ ހާފާއި ދެ ވަނަ ހާފާ ބެހޭ ގޮތުން މަޝްވަރާ ކުރާނަން. އެއަށްފަހު ކުރިއަށް އޮތް މެޗަށް ތައްޔާރުވާން މަސައްކަތް ކުރާނަން،" ކޯޗު ބުންޏެވެ.
ބެންފީކާ މިވަގުތު އޮތީ ޕޯޗުގަލް ލީގުގެ ތިން ވަނާގަ އެވެ. އެއީ އެއްވަނާގައިވާ ޕޯޓޯ އަށްވުރެ 10 ޕޮއިންޓް މަދުން ލިބިގެންނެވެ.