މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުން އެ ކުލަބު ހިންގާ ވެރިޔާ ޖިމް ރަޓްކްލިފޭއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމައިފި އެވެ.
މިކަން އިއުލާނުކުރީ ދޮޅު ލައްކައަށްވުރެ ގިނަ މީހުން ހިމެނޭ ސަޕޯޓަރުންގެ ގްރޫޕެއް ކަމަށްވާ ދަ58 ގްރޫޕުންނެވެ. އެ ގްރޫޕުން ބުނީ ކުރިއަށް އޮތް ފުލަމް މެޗާ ދިމާކޮށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ދަ58 ގްރޫޕުން ބުނީ ޔުނައިޓެޑަކީ 150 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުލަބެއް ކަމަށެވެ. ނަމަވެސް ރަޓްކްލިފޭ ކުލަބު ހިންގަނީ ޔުނައިޓެޑްގެ ތާރީހާއި ކާމިޔާބީ ސަޕޯޓަރުންގެ އުއްމީދުތައް ހާސިލްވާ ގޮތަކަށްނޫން ކަމަށެވެ. މި ގޮތުން ގާތްގަނޑަކަށް ބިލިއަނަކަށްވުރެ ގިނަ ޔޫރޯ މިހާތަނަށް ޔުނައިޓެޑުން ހަރަދުކޮށްފައިވާއިރު އެދެވޭ އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށެވެ.
އެ ގްރޫޕުން ބުނީ ޔުނައިޓެޑުން ކޯޗު ރުބެން އަމޮރިމް ވަކިކުރީ ޓީމުގެ ނަތީޖާ އަށް ބަލާފައިނޫން ކަމަށެވެ. އެއީ ކުލަބުގެ ބައެއް އިސްވެރިންނާމެދު ދެކެވުނު ވާހަކަތަކާމެދު ހިޔާލު ތަފާތުވުން އުފެދިގެން ކަމަށާއި މިފަދަ ގޮތަކަށް ކޯޗު މަގާމުން ވަކިކުރުމަކީ ޔުނައިޓެޑް އަމާޒެއް ނެތްކަން ދޭހަވާ ކަމެއް ކަމަށެވެ.
އަމޮރިމް މަގާމުން ވަކިކުރީ ސީއީއޯ އޮމަރް ބެރާޑާ އާއި ޑައިރެކްޓަރ އޮފް ފުޓްބޯލް ޖެސަން ވިލްކޯސްއާ ހިޔާލު ތަފާތުވެގެންނެވެ. ހާއްސަކޮށް ވިލްކޯސްއާ ދެމެދު އެންމެ ފަހުން ކުރި މަޝްވަރާތައް ހޫނުވި އެވެ. ސަޕޯޓަރުންގެ ގްރޫޕުން ބުނީ މިއީ ޔުނައިޓެޑް ހިންގުމުގައި ސީދާކަން ނެތްކަން ދޭހަކޮށްދޭ ކަމެއް ކަމަށާއި ކުލަބުގެ ވެރިންނާމެދު ސަޕޯޓަރުންގެ ހިތްހަމަ ނުޖެހޭކަން ދައްކަން ޖެހޭ ކަމަށެވެ.