14 ރަށެއްގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ހއ.ވަށަފަރު، ނ.ހެނބަދޫ، ހޮޅުދޫ، މާޅެންދޫ، ދ.ބަނޑިދޫ، ގއ.ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ރ.އަލިފުށީ އިންޑަސްޓްރިއަލް ޒޯންއަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމަށްވެސް ވަނީ ހަވާލުކޮށްފައެވެ.
ހއ.ވަށަފަރު ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 20 ހެކްޓަރުގެ ބިން ހިއްކާ 1694 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އަލަށް ހިއްކާ ސަރަޙައްދާއި ވަށަފަރާ ދެމެދު 71 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމަށްވެސްވަނީ ހަމަޖެހިފައެވެ. 242 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.
ނ.ހެނބެދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 3.51 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 10 މަސް ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 183 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ނ.ހޮޅުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 2.27 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ މަސައްކަތް 14 މަސް ދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ 103 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ނ.މާޅެންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 3.93 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 63 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. 5 މަސް ދުވަހުގެތެރޭގައި މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވާއިރު މިމަޝްރޫޢުގެ ދަށުން 594 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.
ދ.ބަނޑިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 15.43 ހެކްޓަރުގެ ބިން ހިއްކާ 1476 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. 221 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ 2 އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.
ގއ.ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 15.4 ހެކްޓަރުގެ ބިން އަދި 1394 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް 14 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 183 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ރ.އަލިފުށީ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 4.60 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 588 މީޓަރުގެ ރިވެޓްމަންޓަކާއި މަގުބައްތި ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. 106 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 14 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިންވަނީ ހއ. ފިއްލަދޫ އަދި ކ.ގާފަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުވެސް އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. މީގެއިތުރުން ނ.މާފަރު ހިއްކި ބިމުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސްވަނީ ހަވާލުކޮށްފައެވެ.
ހއ.ފިއްލަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 329 މީޓަރުގެ ރިވެޓްމަންޓަކާއި 120 މީޓަރުގެ ގްރޮއިން ޖެހުމަށްވަނީ ހަމަޖެހިފައެވެ. 10 މަސް ދުވަހުގެތެރޭގައި މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 24 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ކ.ގާފަރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 786 މީޓަރުގެ ރިވެޓްމަންޓަކާއި 136 މީޓަރުގެ ގްރޮއިން ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން އެސަރަޙައްދު ދޮންވެލިން މުއްސަނދިކުރުމަށްވެސް ވަނީ ނިންމާފައެވެ. 9 މަސްދުވަހުގެ ތެރޭގައި މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 64 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
އިމާރާތްކުރުމާ ބެހޭ ވުޒާރާއިންވަނީ ރ.އުނގޫފާރު ބަނދަރު ތަރައްޤީކުރުމާއި ހއ.މުރައިދޫ ބަނދަރުގެ ބޭރުތޮށި ތަރައްޤީކުރުމާއި ހއ.އިހަވަންދޫ އަރޓިފިޝަލް ބީޗް ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން ގދ.ފަރެސްމާތޮޑާ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
ރ.އުނގޫފާރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 457 މީޓަރުގެ އެއްގަމު ތޮއްޓެއްލުމަށާއި 4097 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމަށާއި 507 މީޓަރުގެ ބޭރުތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. 2 އަހަރުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 139 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ހއ.މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 445 މީޓަރުގެ ބޭރުތޮއްޓެއްލުމަށާއި، ކޮންކްރީޓް ޖެޓީ ތަރައްޤީކޮށް މަގު ބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. 11 މަސްދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 54 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ހއ.އިހަވަންދޫ އަރޓިފިޝަލް ބީޗް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކޮށް 80 މީޓަރުގެ ގްރޮއިން ޖެހުމާއި 46 މީޓަރުގެ ބޭރުތޮއްޓެއް މޫދު އަޑީގައި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. 7 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 12 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ގދ.ފަރެސްމާތޮޑާ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ތަރައްޤީކުރާ 36 މަގުގެ ފެން ހިންދާ ނިޒާމު ޤާއިމުކޮށް މަގުތަކުގެ ސައިންބޯޑާއި މަގު ބައްތި ޖަހާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 225 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 3 އަހަރު ތެރޭގައި ނިންމާގޮތަށެވެ.