މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށާނީ ކުރިއަށް އޮތް ރޯދަމަހުގެ ފަހުން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެ އިދާރާއިން ގެޒެޓްކޮށްފައިވާ ގޮތުން މުބާރާތް ފަށަން ވިސްނާފައިވަނީ އަންނަ އޭޕްރީލް މަހު އެވެ. އަދި މުބާރާތް ކުޅޭނެ ފޯމެޓެއް ނިންމާނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފަ އެވެ. ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ އާއްމުކޮށް ހުރިހާ ކުލަބުތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އޮންނަ މުބާރާތެވެ.
އެފްއޭއެމުން ބުނެފައިވަނީ ކަމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބު، ޖަމިއްޔާތަކުން މި މަހުގެ 22 ވަނަ ދުވަހު އެ އިދާރާއަށް ފޯމު ހުށަހެޅުމަށެވެ.
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ އާއްމުކޮށް ގިނަ އަދަދެއްގެ ޓީމުތައް ބައިވެރިވެގެން ވަރަށް ފޯރީގައި ކުރިއަށް ދާ މުބާރާތެކެވެ.
އުނދަގޫތަކަކާއި ގޮންޖެހުންތަކާއެކު ބޮޑު އަނދަވަޅުކަން ރާއްޖޭގެ ފުޓުބޯޅަ ނަގައި ކޮޅަށްޖެހުމަށްޓަކައި އެފްއޭއެމްގެ އައު ލީޑަރޝިޕުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކުގެ ދަށުން ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް މި އަހަރު ބާއްވަން ނިންމާފައިވާއިރު، މިދިޔަ އަހަރު ވެސް މި މުބާރާތް ބާއްވަން އިއުލާނުކޮށްފައިވެއެވެ.
އެފްއޭއެމްގެ އޭރުގެ މެނޭޖްމަންޓުން އެ މަސައްކަތް ކުރިނަމަވެސް އެ މުބާރާތް ބޭއްވިފައެއް ނުވެއެވެ. މުބާރާތް ބާއްވަން ތާވަލުކުރި ދުވަހާ ޖެހުނުއިރު، ދިމާވި އެކިއެކި މައްސަލަތަކާ ގުޅިގެން އެފްއޭއެމްގެ ހިންގުން އޮތީ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ.
ރާއްޖޭގައި އެންމެފަހުން ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ބާއްވާފައި ވަނީ 2022 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ލެގޫންސް ސްޕޯޓްސް ކްލަބުންނެވެ.