އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ފަހު ވަގުތު ޗެލްސީ އިން ޖެހި ލަނޑާއެކު 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އެ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދިނުމާއި ގުޅިގެން ވަގުތީ ކޯޗެއްގެ ގޮތުގައި އެ މަގާމާއި ހަވާލުވި ކަލަމް މެކްފާލޭންގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ސިޓީ އިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޕެޕް ގަޑިއޯލާ އާއި ދެކޮޅަށް ޗެލްސީގެ ވަގުތީ ކޯޗު މެކްފާލޭން ނިކުތްއިރު މި މެޗުގައި ޗެލްސީ އަށް އެދެވޭ ކުޅުމެއް ދެއްކިދާނެ ކަމާއިމެދު މެޗުގެ ކުރިން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ. މިއީ ސީނިއާ ޓީމެއް ގޮތުގައި މެކްފާލޭން މެޗަކަށް ނިކުތް ފުރަތަމަ ފަހަރެވެ. އޭނާ އަކީ ޗެލްސީގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 42 ވަނަ މިނިޓުގައި ޓިޖާނީ ރޭންޑާރސް ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އަށް ގެނައި ބަދަލުތަކާއިއެކު އެ ޓީމުގެ ކުޅުން ވަނީ ރަގަޅުވެފަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލިއާމް ޑެލަޕް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
ޗެލްސީ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާ އާއިއެކު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދު ސިޓީ އަށް އޮތް ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އާސެނަލް އަށް 20 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު ސިޓީ އަށް ލިބިފައިވާ 42 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. ޗެލްސީ އަށް ލިބިފައިވާ 31 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ.