ކުޅިވަރު

ގޭއީގެ ލަނޑުތަކުން ސެނަގާލް ކުއާޓާ އަށް، ޓިއުނީޝިޔާ ކަޓައިފި


ޕޭޕް ގޭއީ ޖެހި ދެ ލަނޑާއެކު ސޫދާން 3-1އިން ބަލިކޮށް ސެނެގާލް އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިރު ޓިއުނީޝިޔާ ބަލިކޮށް މާލީ ވެސް ގަދަ އަށަކަށް ދަތުރުކޮށްފި އެވެ.

މޮރޮކޯގައި ކުރިއަށް ދާ މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމް ގޯލު ޖެހީ ހަ ވަނަ މިނިޓްގައި ސޫދާނުގެ އާމިރު އަބްދުﷲ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޭއީ ވަނީ ދެ ލަނޑު ޖަހައި ލީޑް ނަގައިދީފަ އެވެ. އެ ގައުމުގެ ފަހު ލަނޑު ޖެހީ 66 ވަނަ މިނިޓްގައި އިބްރާހީމް އެމްބާޔޭ އެވެ.

މެޗަށް ފަހު ގޭއީ ބުނީ އޭނާ ދެ ލަނޑު ޖެހި ނަމަވެސް މިއީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ލިބުނު މޮޅެއް ކަމަށެވެ.

"މޭން އޮފްދަ މެޗުގެ މަގާމު ލިބުމުން އަހަރެން އުފާކުރަން. އެކަމަކު އަހަރުމެން މަސައްކަތް ކުރަނީ ޓީމެއްގެ ގޮތުގައި. މިއީ ވަރަށް ވަރުގަދަ މެޗެއް. ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ މި ފެނުނީ. މުބާރާތުގެ ކުރިއަށް ހުރީ ވެސް ވަރުގަދަ މެޗުތަކެއް. އަހަރުމެން ދެން ތައްޔާރުވާނީ އެ މެޗަށް،" ގޭއީ ބުންޏެވެ.

ސެނެގާލްގެ ކޯޗު ޕެޕޭ ތިއޯ ބުނީ ސޫދާން ދެ ވަނަ ބުރަށް އައީ ކީއްވެކަން މި މެޗުގައި ފެނިގެންދިޔަ ކަމަށެވެ.
"ވަރަށް ވަރުގަދަ މެޗެއް މިއީ. އެ މީހުން ދައްކުވައިދީފި އެ މީހުން މި ހިސާބަށް އައިސް ތިބީ ކީއްވެކަން. ވަރަށް ޑިސިޕްލިން ޓީމެއް އެއީ. އެކަމަކު އަހަރެންގެ ކުޅުންތެރިންނަށް އަހަރެން ކްރެޑިޓް ދެން،" ކޯޗު ބުންޏެވެ.

ސޫދާނުގެ ކޯޗު ކްވާސީ އަޕިއާ ބުނީ މުޅި މުބާރާތުގައި އޭނާގެ ޓީމު ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ.

މާލީ ކުއާޓާ ފައިނަލަށް ދިޔައީ 1-1އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ޓިއުނީޝިޔާ ބަލިކޮށްފަ އެވެ.
މެޗަށް ފަހު ޓިއުނީޝިޔާގެ ކޯޗު ސާމީ ޓްރަބްލްސީ ބުނީ ބަލިވުމުގެ ޒިންމާ އޮންނާނީ ކޯޗު ބޮލުގައި ކަމަށެވެ.

"ލަނޑު ޖަހަންދެން އަހަރުމެން މެޗު ކޮންޓްރޯލް ކުރީ. އޭގެ ފަހުން އަހަރުމެން ގޯސް ހެދީ. ކޮންމެ ބައްޔަކާއެކު ކޯޗުގެ ބޮލުގައި އެކަން އޮންނާނީ،" ކޯޗު ބުންޏެވެ.

މާލީގެ ކޯޗު ޓޮމް ސެއިންޓްފެއިޓް ތައުރީފް ކުރީ އޭނާގެ ގޯލްކީޕަރަށެވެ.