ޚަބަރު

އައު އަހަރުގެ ހަރަކާތްތަކާ ގުޅިގެން ހުޅުމާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް


  • މިރޭ 19:00ގައި މި އޮޕަރޭޝަން ވަނީ ފަށާފަ

އައު އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހުޅުމާލޭ ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މި އޮޕަރޭޝަން ފަށާފައިވަނީ މިރޭ 19:00 އިން ފެށިގެންނެވެ.

މިރޭގެ ހަރަކާތްތަކުގެ ތެރެއިން ގިނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މި މުނާސަބަތާ ގުޅިގެން އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލެއަށް ޒިޔާރަތްކުރާނެތީއާއި، މަގުތަކުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭތީ، މި އޮޕަރޭޝަން ކުރިއަށްގެންދަނީ މިހާރު ފުލުހުން ހިންގަމުންދާ "ރިވެލި" އޮޕަރޭޝަންގެ ތެރެއިންނެވެ.

ފުލުހުން ވަނީ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް ބާއްވާ ފެސްޓިވަލްތަކާއި ހަރަކާތްތަކުގައި އާންމުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ހާއްސަ އޮޕަރޭޝަންތައް ރާވައި ހިންގަމުންދާކަން ފާހަގަކުރެވެއެވެ/