ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައްް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމި، މިރޭ ޓެސްޓް ފްލައިޓު ޖައްސާނެކަމަށް އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ..
ފުނަދޫ އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް 2 ފިޔަވައްސަކަށް ބަހާލައިގެން ދަނީ ކުރަމުންނެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ފުނަދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ފުނަދޫ އެއަރޕޯޓުގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ތައްޔާރީތައް މިހާރުވެފައިވާކަމަށެވެ. ޝަރީފް ވިދާޅުވީ އެކަމަށް ބޭނުންވާ ލައިޓުތައް ހަރުކޮށް މިހާރު ޓެސްޓުކުރުމަށް ތައްޔާރުވެފައިވާކަމަށެވެ.
ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމަށްޓަކައި ސިވިލް އެވިއޭޝަން އޮތޯރިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ޓެސްޓު ފްލައިޓު މިރޭ އެއަރޕޯޓަށް ޖެއްސުމަށްވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވަނީ ފުނަދޫގެ އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢެއް އެމްއޭސީއެލްއާއި ހަވާލުކުރައްވާފައެވެ. ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ މިއަހަރު ނިމުމުގެ ކުރިން އެރަށުގެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.
"އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމަށްޓަކައި ބޭނުންވާ ލައިޓު ހަރުކުރުމުގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ހަރުކޮށްދޭނެކަމުގެ ޔަގީންކަން އަޅުގަނޑުދެން." ރައީސް ވިދާޅުވިއެވެ.
ފުނަދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ލައިޓު ހަރުކުރުމާއި، ޒަމާނީ ފެންވަރުގެ ލައުންޖަކާއި ރެސްޓޯރެންޓް ހެދުމުގެ އިތުރުން ޓަރމިނަލްގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރު ބެލްޓުތަކެއް ހަރުކުރުމަށްވަނީ ކަނޑައަޅާފައެވެ.
ށ. ފުނަދޫ އެއަރޕޯޓު ހުޅުވާފައިވަނީ 2020 ވަނަ އަހަރު ގައެވެ. ށ.އަތޮޅުގައި މިވަގުތު އޮތް ހަމައެކަނި އެއަރޕޯޓަކީ ފުނަދޫ އެއަރޕޯޓެވެ. ފުނަދޫގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެކެވެ.