ޚަބަރު

ވައިގެމަގުން ގެންނަ މުދާ ފަސޭހައިން ކްލިއަރކުރެވޭނެ އިންތިޒާމްތަކެއް


  • އިތުރު އެކްސްރޭ މެޝިންތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި

  • ބައެއް ޚިދުމަތްތައް އޮޓޮމޭޓް ކުރަނީ

ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ފަސޭހައިން ކްލިއަރ ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ ޚިދުމަތްތަކަށް ހަރުދަނާ ބަދަލުތަކެއް ގެނެސްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި މިކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކުރުމާއި ގުޅިގެނެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު އިތުރުކޮށް، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ، ކާގޯ ސަރވިސަސް އިބްރާހިމް ހުސައިން ވިދާޅުވީ އެމްއެސީއެލެގެ ކާގޯގެ ޚިދުމަތް 24 މިހާތަނަށްވެސް ދެމުން އައީ 24 ގަޑިއިރު ކަމަށެވެ. ނަމަވެސް މި ޚިދުމަތާއި ގުޅިފައިވާ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ޚިދުމަތް ދެމުން އައި ގަޑިތަކުގެ ސަބަބުން، ކާގޯ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ދިނުމަށް ދަތިތައް ހުރިކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމާއެކު ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިންދޭ ޚިދުމަތްތައް، މުޅިން އެއްކޮށް 24 ގަޑިއިރަށް ބަދަލުކޮށްފައިވާމަށެވެ.

" ކުރިއަރ ޚިދުމަތްތައް ރޭގަނޑު 9 ޖަހާއިރު ހުއްޓާލިނަމަވެސް މިހާރު އެ ޚިދުމަތް 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފައި. ކުރިއަރ ޚިދުމަތައް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. 24 ގަޑިއިރަށް ޚިދުމަތް ދޭން ނިންމިނަމަވެސް ބާރޮބޮޑު ނޫން ވަގުތުތަކުގައިވެސް ޚިދުމަތް ހޯދަން އިލްތިމާސްކުރަން." އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ، ކާގޯ ސަރވިސަސް އިބްރާހިމް ހުސައިން ވިދާޅުވިއެވެ.

މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކުރުމުގެ އިތުރުން މުދާ ބަހައްޓައިގެން އަގު ދައްކަން ނުޖެހޭ ވަގުތު ނުވަތަ ޑެމަރޭޖް ނާރާ ވަގުތު 80 ގަޑިއިރު 124 ގަޑިއިރަށް ވަނީ އިތުރުކޮށްފައެވެ. އެމްއޭސީއެލްއިން ވަނީ މިއީ ޚިދުމަތް ހޯދާ ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ކޫރިއަރ އޭޖެންޓުންނަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.

ކާގޯގެ ޚިދުމަތައް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އިތުރު ޚިދުމަތްތަކެއްވެސް ތަޢާރަފްކުރުމަށް ވަނީ ނިންމާފައެވެ. އެމްއޭސީއެލްއިން ވަނީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ޔޫއެލްޑީ ސްޓޯރޭޖް ނުވަތަ މަތިންދާ ބޯޓަށް މުދާ އެރުވުމުގެ ކުރިން އެޕްރަން މަތީ މުދާ ބަހައްޓާ ސަރަހައްދު ބޮޑުކުރުމަށް ނިންމާފައެވެ. މިއާއެކު މުދާ ކްލިއަރ ކުރެވޭ މިންވަރު އަވަސް ކުރުމަށް އިތުރު އެކްސްރޭ މެޝިންތައް ބަހައްޓައި ބައެއް ޚިދުމަތްތައް އޮޓޮމޭޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ އެމްއޭސީއެލްއިން ވިދާޅުވިއެވެ.