ޚަބަރު

މަހިބަދޫ އަތުން ބަލިވެ، ބީޖީއަށް ފުރުޞަތު ގެއްލިއްޖެ


  • މެޗުން ބީޖީ ބަލިވީ 1-2 އިން

  • ބީޖީއަށް ބާކީ އޮތީ 1 މެޗު، ލިބިފައިވަނީ 3 ޕޮއިންޓު

މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މަހިބަދޫ ސްޕޯޓްސް ކުލަބު އަތުން ވީ ބައްޔާއެކު، ބީޖީ ސްޕޯޓްސް ކުލަބަށް މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު އެއްކޮށް ގެއްލިއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މަހިބަދޫ އަތުން ބީޖީ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި މަހިބަދޫއިން ވަނީ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާފައެވެ. މިއީ މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން، އެ ޓީމުގެ ބިދޭސީ ފޯވާޑް، ޖޯކޫ ޖޭކޮބް ނަގައިދިން ހުރަހެއްގައި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި، ބީޖީގެ އަބްދުﷲ ސުޒެއިރުގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ބޯޅަ ވަދެގެން މަހިބަދޫއަށް ކާމިޔާބު ކުރެވުނު ލަނޑެކެވެ.

މި ލަނޑަށްފަހު ވެސް މަހިބަދޫއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. ޙާއްސަ ގޮތެއްގައި އެ ޓީމުގެ ބިދޭސީ ސްޓްރައިކަރު، ގޮމާއަށް ހުސް ދެ ފުރުސަތެއް ލިބުނުއިރު އޭނާއަށް މި ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ނަތީޖާއެއްގެ ގޮތުން އެއް ލަނޑުގެ ލީޑެއްގައި އޮވެ ދެވަނަ ހާފު މަހިބަދޫއިން ފެށީ ގޮމާގެ ބަދަލުގައި މުޙައްމަދު ލޫތު ހަސަން ކުޅެން އަރުވައިގެންނެވެ.

މި ހާފުގައި ވެސް މޮޅަށް ކުޅުނު މަހިބަދޫއިން ލީޑު ފުޅާކުރީ 60 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއަށް އެކަނިމާއެކަނި ވަދެ، ބީޖީގެ ދެ ޑިފެންޑަރުން ކައިރިން ބީޓުކޮށްލުމަށްފަހު ޖާގަ ހޯދައިގެން ވަރަށް ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ޖޭކޮބް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގައި ބީޖީން ޖެހި ހަމައެކަނި ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ކެޕްޓަން ޔަފާއު މުޙައްމަދު ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން ބީޖީގެ އަޙްމަދު އަނޫއަށް، މަހިބަދޫގެ ޖޭކޮބް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު ބީޖީއަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ގެއްލުނީ، ތާވަލުގެ އެއްވަނައަށް އަދި ދެވަނައަށް އެރޭނެ މަގު އެއްކޮށް ބަންދުވީމައެވެ. ބީޖީއަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. ތާވަލުގެ ދެވަނަ އަދި ތިންވަނައިގައި މިވަގުތު އޮތް ޓެންޓް ސްޕޮޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓްރީއަށް ދެ މެޗު ބާކީ އޮއްވައި 7 ޕޮއިންޓު ލިބިފައިވާއިރު ބީޖީއަށް ދެން އެ އަދަދަށް ޕޮއިންޓު ހަމައެއް ނުކުރެވޭނެއެވެ.

މި މެޗުން މޮޅުވި މަހިބަދޫއަށް ވެސް އަމިއްލަ ބާރުގައި ކުރިއަށް ދިއުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ އެ ޓީމަށް ވެސް ބާކީ އޮތީ އެންމެ މެޗެއްކަމަށްވާއިރު ހަ ޕޮއިންޓު ލިބިފައިވުމެވެ. ފަހު މެޗުގައި، މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ލޮރެންޒޯއާ ދެކޮޅަށް މަހިބަދޫ ނުކުންނަން ޖެހޭއިރު، އެ މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ލޮރެންޒޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ބާކީ އޮތް ދެ މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ޓެންޓު އަދި ހެންވޭރިއަންސް މޮޅުވެއްޖެ ނަމަ މަޖިބަދޫއަށް ފުރުސަތު ގެއްލޭނެއެވެ.