ޚަބަރު

ތެލުގެ އަގު އުފުލި ޕާކިސްތާނުގެ އިޤްތިޞާދަށް ހީނަރުކަން!


ފާއިތުވި ބައި ޤަރުނެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގު ނުއުފުލޭ މިންވަރަށް ޕާކިސްތާނުގައި ތެލުގެ އަގުތައް އުފުލުމާއެކު މުޅި ޤައުމަށް ދަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ. އޭގެ ސަބަބުން ތަފާތު އިޤްތިޞާދީ މައްސަލަތައް ކުރިމަތިވެ، ސަރުކާރަށް އޮތް އިތުބާރު ގެއްލުމުގެ ފުރުޞަތު ވަނީ އިތުރުވެފައެވެ.

މި ހަފްތާގެ ކުރީކޮޅު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ ޤައުމުން ތެލުގެ އިމްޕޯޓަށް ޚަރަދު ކުރަމުންދިޔަ ޢަދަދު 300 މިލިޔަން އެމެރިކާ ޑޮލަރުން 800 މިލިޔަން ޑޮލަރަށް އުފުލިފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕާކިސްތާނުން ހޯދާފައިވާ އިޤްތިޞާދީ ކުރިއެރުންތައް ފޮހެވިގެން ގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް ތަނުގައި އެ ކަމުގެ ނޭދެވޭ އަސަރު އިތުރުވާނެ ކަމަށް މާހިރުން ލަފާކުރާއިރު، ދަނޑުވެރިކަމާއި ދަތުރުފަތުރުން ފެށިގެން ތަކެތީގެ އަގާ ހަމައަށް އޭގެ އަސަރު ފޯރާނެ ކަމަށް ބެލެވެއެވެ. އެއާއެކު ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ދަތި ޙާލުގައި މިހާރު ވެސް ދިރިއުޅެމުންދާ ޢާއިލާތަކުގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ.

ތެލުގެ އަގު މައްޗަށް ދިޔުމުން އެއާ އެކުއެކީގައި ދަތުރުފަތުރުގެ އަގު ބޮޑުވެއެވެ. އެއާއެކު އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ އަގު އުފުލި ކާބޯތަކެތީގެ އަގު ވެސް މައްޗަށް ދެއެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ އަގު މައްޗަށް ގޮސް، ފަޤީރުކަމާއި ވަޒީފާ ނެތުން އާންމުވެއެވެ. އިޤްތިޞާދީ ޙަރަކާތްތައް މަޑުޖެހި، ދިރިއުޅުމުގެ ފެންވަރު ދަށްވެ އެންމެ ފަހުން ޢާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފަށައެވެ.

ތެލުގެ އަގު އުފުލުމުގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ކުރަމުންދާއިރު، އޭގެ އަސަރު ޕާކިސްތާނަށް ކުރާ މިންވަރު މާ ބޮޑެވެ. އެއީ އެ ޤައުމަކީ ހަކަތަ އިމްޕޯޓު ކުރުމުގެ މައްޗަށް ބަރޯސާވާ ޤައުމަކަށް ވާތީއެވެ. ހަކަތައަށް ކުރާ ޚަރަދު އިތުރުވާ ވަރަކަށް ޕާކިސްތާނުން ބޭރު ފައިސާ ޚަރަދުކުރަން ޖެހޭ މިންވަަރު ވެސް އިތުރުވެއެވެ. އެއާއެކު މާލީ ގޮތުން ފިއްތުންތައް ކުރިމަތިވެ ފައިސާގެ އަގު ދަށަށް ދެއެވެ. ހަމައެއާއެކު ހަކަތައިގެ އަގު އުފުލޭ ވަރަކަށް ތަކެތީގެ އަގު ވެސް އުފުލެއެވެ.

ޕާކިސްތާނަކީ ޤައުމުން ބޭރުގައި ވަޒީފާ ޢަދާކުރާ މަސައްކަތްތެރިން ޤައުމަށް އަނބުރާ ފޮނުވާ ފައިސާއަށް ވެސް ބަރޯސާވާ ޤައުމެކެވެ. އެ ފަދަ ގިނަ މަސައްކަތްތެރިންނަކީ ގަލްފުގެ ޤައުމުތަކުގައި މަސައްކަތްކުރާ މީހުންނެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި މަގުން ލިބޭ އާމްދަނީއަށް އަސަރުކުރެއެވެ. އެއާއެކު މިހާރު ވެސް ބަލިކަށިވެފައިވާ އަދި ނާޒުކު ޙާލަތުގައި އޮތް އިޤްތިޞާދަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެއެވެ.

ޕާކިސްތާނުގެ ސަރުކާރަށް މި ވަގުތު ޢަމަލުކުރެެވެން އޮތީ ދެ ގޮތަކަށެވެ. ދެ ގޮތުންކުރެ އެއް ގޮތަކީ ވެސް ރަނގަޅު ގޮތެއް ކަމުގައި ނުބެލެވެއެވެ. އެއްގޮތަކީ ރައްޔިތުންނަށް ބޮޑުއަގުގައި ތެޔޮ ވިއްކައި، ރައްޔިތުންގެ ނުރުހުމާ ކުރިމަތިލުމެވެ. ދެވަނަ ގޮތަކީ ތެލަށް ސަބްސިޑީ ދީ، ބަޖެޓު ފޫއަޅުވާލާވަރުގެ ގެއްލުމެއް ލިބިގަތުމެވެ. ޕާކިސްތާނަކީ މިހާރު ވެސް ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްއެފްގެ ހަރުކަށި ބެލުމުގެ ދަށުގައި އޮތް ޤައުމެކެވެ. އޭގެ ސަބަބުން އެ ޤައުމުގެ ސަރުކާރަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ހިތުހުރިގޮތަކަށް ޚަރަދުކުރުމަށް ހުރަސް އެޅެއެވެ.

އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން ނުރުހުންވެ ޝަރީފްގެ ސަރުކާރަށް ފިއްތުންތައް ދަނީ ކުރިމަތިވަމުންނެވެ. މި ޙާލަތުގެ ބޭނުން ފުރިހަމައަށް ހިފައި، އިދިކޮޅު ޕާޓީތަކުން ދަނީ ސަރުކާރަށް އިތުރަށް ބުރަ ކުރަމުންނެވެ. އެއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޕާކިސްތާނުގެ ސިޔާސީ އަދި އިޤްތިޞާދީ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ.