ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ އަންހެނުންގެ ގައުމީ ފުޓްސަލް ޓީމުގެ މިވަގުތު އަނިޔާގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ޓީމުގެ ސްކޮޑު ދެތިން ދުވަހުގެ ތެރޭ ކުޑަކުރާނެކަމަށް ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތިފް މުހަންމަދު ބުނެފިއެވެ.
އާތިފް ބުނީ ސްކޮޑު ދެތިން ދުވަސްތެރޭ ކުޑަކޮށްލާނެކަމަށާއި އެޔަށްފަހު ޓްރޭނިންތައް ވަރުގަދައަށް ފަށާނެކަމަށެވެ.
"އިންޖަރީގެ އެއްވެސްކަމެއް އަދި އެއް ނެތް. ސްކޮޑު ކުޑަކޮށްލާނަން މީގެ ދެދުވަސް ނުވަތަ ތިން ދުވަސްތެރޭ. އެޔަށްފަހު ރަނގަޅަށް ޓްރޭނިންތައް ފެށިގެންދާނެ" ކޯޗު ބުންޏެވެ.
ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށް ދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ކޯޗު ބުނީ ސާފް ފުޓްސަލް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ތައްޔާރުވަމުން އަންނަނީ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ހެޑް ކޯޗު ފާރޫކް ޒަކިރޯވްގެ އެހީތެރިކަމާއެކުކަމަށާއި ޓީމުގެ ފަރިތަކުރުންތައް ފެށިތާ އަދިވާނީ ހަތަރުވަރަކަށް ދުވަސްކަމަށެވެ. އެހެންކަމުން މުބާރާތަށް ޓީމު ބައްޓަންކުރުމުގައި ބިދޭސީ ކޯޗުގެ އެއްބާރުލުން ބޮޑުކަމަށް އޭނާ ފާހަގަކުރިއެވެ.
"އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެހީތެރިކަމަކީ ބޭރު ކޯޗެއް ހުރުން. އެހެންވީމަ އެ ބޭރު ކޯޗުގެ އިރުޝާދުގެ ދަށުން އެކޯޗުގެ ފަރާތުން ވަރަށް ގިނަ އެހީތެރިކަމެއް އެބަ ލިބޭ. އެހެންވީމަ އެ ކޯޗުގެ އިރުޝާދާއި އެއްގޮތަށް މިދަނީ" އާތިފް ބުންޏެވެ.
މުޅިން އަލަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖެއިން ތައްޔާރުވަމުން އަންނައިރު އިންޑޯ ދަނޑެއްގައި ފަރިތަކުރަން ނުލިބުމަކީ ދިމާވާ ދައްޗެއްކަމަށް އާތިފް ފާހަގަކުރިއެވެ. އައުޓްޑޯ ދަނޑެއްގައި ފަރިތަކުރަމުން އަންނައިރު މުބާރާތުގެ ކުޅުން އިންޑޯ ދަނޑެއްގައި އޮތުމަކީ ކުޅުންތެރިންނަށް ދިމާވާނެ ބޮޑު ގޮންޖެހުމެއްކަމަށް އާތިފް ބުނެފަވެއެވެ.
"އެހެން ގައުމުތަކުން ފުރަތަމަ ދުވަހުން ފެށިގެންވެސް ޕްރެކްޓިސްތައް ކުރިއަށް މިގެންދަނީ އިންޑޯގަ. އެހެންވީމަ އިންޑޯއާއި އައުޓްޑޯއާއި ހުރި ތަފާތު ފެނިގެންދާނެ. އަޅުގަނޑުމެން އައުޓްޑޯގަ ޕްރެކްޓިސް ކުރާތީވެ އެއީ އެންމެ ބޮޑު ގޮންޖެހުމަކީ" އާތިފް ބުނެފަވެއެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕު ކުރިއަށްދާނީ އަންނަ ޖެނުއަރީ މަހުގެ 14 އިން 26 ގެ ނިޔަލަށް ބެންކޮކްގެ ނޮންތުބުރި ސްޓޭޑިއަމްގައެވެ.