އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެ ތާވަލުގެ ފަސްވަނަ މަގާމް ހޯދައިފި އެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗަށް ޔުނައިޓެޑް ނިކުތްއިރު އެ ޓީމަށް ވަނީ އަނިޔާގެ އިތުރުން އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް އެ ޓީމުގެ ހަތް ކުޅުންތެރިއަކު ނުލާ މި މެޗަށް ނިކުންނަން ޖެހިފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 24 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ޕެޓްރިކް ޑޯގޫ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ އޭނާ އެ ކްލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ފަހަކަށް އައިސް ފޯމު ގެއްލިފައިވާ ނިއުކާސަލްގެ ލެވިސް ހޯލް ފޮނުވާލި ނުރައްކާތެރި ގޯލުގެ ދަނޑީގައި ޖެހިފައިވާއިރު އެޑީ ހޯވޭގެ އިރުޝާދުގެ ދަށުން ނިއުކާސަލް ޔުނައިޓެޑް ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗުން ވަނީ ބަލިވެފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ޔުނައިޓެޑް އަށް ލަނޑު ޖަހަން އިތުރު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން ބެންޖަމިން ސެސްކޯ ފޮނުވާލި ހަމަލާ ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑް މި މެޗުން މޮޅުވުމާއިއެކު މިއީ މި ސީޒަނުގައި އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ ނިމިފައިވާ ދެވަނަ މެޗެވެ. އަދި 2022 ވަނަ އަހަރުގެ މާޗު މަހަށްފަހު ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ނެތި އެ ޓީމު މޮޅުވި ފުރަތަމަ މެޗުވެސް މެއެވެ.
މި މެޗުން މޮޅުވެ ޔުނައިޓެޑަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ 18 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ނިއުކާސަލް އަށް 18 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.