ޚަބަރު

އޮޑި، އީގަލްސް އަތްދަށުވެއްޖެ


ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ. އީގަލްސް އިން މެޗު ކާމިޔާބު ކުރީ 2-0 ންނެވެ.

މި ނަތީޖާ އެކު ތާވަލުގެ ކުރީގަވާ މާޒިޔާއަށް ވަނީ ހަ ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. މާޒިޔާ އަށް 12 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، އޮޑި އަށް 12 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

މެޗުގެ 7 ވަނަ މިނިޓުގައި އޮޑީގެ އަބްދުﷲ ލޫތު އިބްރާހިމް ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތިން ދިޔައައީ ބޭރަށެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާ އީގަލްސް އިން ކުރި ހޯދީ އޮޑީގެ ފަހަތަށް ކުޅެމުންދިޔަ މުހައްމަދު ސާމިރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އީގަލްސްގެ އިބްރާހިމް މަހުދީ ހިފައިގެން ދިޔަ ބޯޅަ އޭރިޔާ ބޭރުން ކީޕަރު ނުކުތުމުން ކީޕަރު ކައިރިން ނައްޓާލާ އޭރިއާ ތެރެއަށް ވަދެ ޒައިން ޒަފަރަށް ދިނުމުން އޭނާ ގޯލުތެރެއަށް ބޯޅަ ވައްދައިލައިގެންނެވެ. ޒައިންގެ މި ލަނޑާއެކު އީގަލްސް އިން ލީޑު ނެގީ މެޗުގެ 35 ވަނަ މިނިޓުގައެވެ.

މި ލަނޑަށްފަހު އޮޑިން އެޓޭކްތަށް ވަރުގަދަ ކުރިއިރު އެޓީމުގެ ކަރޮލިސް ލައުކުޒެމިސް ފޮނުވާލި ބޯޅައެއް ކީޕަރު ދިފާއު ކުރިއިރު އެޓީމުން ފޮނުވާލި ހަމަލާއެއް ވަނީ ދަނޑިއަށް ވެސް އަމާޒުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު 56 ވަނަ މިނިޓުގައި އޮޑީގެ އަހުމަދު އައިހަމް ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މެޗުގެ 66 ވަނަ މިނިޓުގައި އީގަލްސް ލީޑު ފުޅާކުރީ އޭރިއާ ބޭރުން ޒައިން ނަގައިދިން ބޯޅައެއް ސެރިލިއޯންގެ މިޑްފީލްޑަރ އިބްރާހިމް ލެބޭ ގޯލަށް ވައްދައިލައިގެންނެވެ. މި މެޗުގައި ލެބޭ ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މެޗުގެ އިތުރު ވަގުތު ތެރޭގަ ވެސް އޮޑިން ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮއްފައެވެ.

މި މޮޅާ އެކު އީގަލްސް ވަނީ ކުޅުނު 12 މެޗުން 16 ޕޮއިންޓް ހޯދާފައެވެ. އެޓީމު އޮތީ ތާވަލުގެ 6 ވަނައިގައެވެ. މިއީ އީގަލްސް މި ލީގުގައި ހޯދި ހަތަރުވަނަ މޮޅެވެ.