އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މޮޒަންބީކް އަތުން 1-0އިން ޓީމު މޮޅުކޮށްދީ އައިވަރީ ކޯސްޓްގެ ފޯވަޑް އަމަޑް ޑިއާލޯ، އޭނާގެ ހުވަފެން ހަގީގަތަށް ހަދައިފި އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކުޅުންތެރިޔާ މެޗަށް ފަހު ބުނީ މި މުބާރާތުގައި ގައުމީ ޓީމަށް ގޯލު ޖަހައިދިނުމަކީ އޭނާގެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
"އަހަރެން މި ހުރީ ވަރަށް އުފާވެފައި. އަހަރެން މި ވަގުތަށް އުއްމީދު ކުރާތާ ވަރަށް ދުވަސްވެއްޖެ. އަހަރެންގެ ގައުމުގެ ގައުމީ ޖާޒީ ލުމަކީ ވަރަށް ޝަރަފެއް. އަހަރެންގެ ހުވަފެން ހަގީގަތަކަށްވެއްޖެ،" ޑިއާލޯ މެޗަށް ފަހު ބުންޏެވެ.
އޭނާ ބުނީ އެންމެ ލަނޑަކުން ޓީމު މޮޅުވި ނަމަވެސް ގިނަ ގޯލުތަކެއް ޖެހުނީސް ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި ތަފާތު ބޮޑުކޮށް މޮޅުވުން އަހަރުމެންނަށް ހައްގު. އެވަރަށް ޓީމު ކުޅުނު. އެކަމަކު 1-0އިން މޮޅުވިޔަސް އަހަރުމެން މި މޮޅު ބަލައިގަންނަން. އަހަރުމެން ދެން ފޯކަސް ކުރާނީ ކުރިއަށް އޮތް މެޗަށް. އެ މެޗު ވާނީ ވަރަށް ވަރުގަދަ މެޗަކަށް،" ޑިއާލޯ ބުންޏެވެ.
އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު އެމާސް ފައޭ މެޗަށް ފަހު ބުނީ މޮޒަންބީކަކީ މޮޅު ޓީމެއް ކަމަށާއި ބައިކޮޅަށް ގޯލެއް ނުވަދެ މެޗު ނިންމާލެވުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. މިކަމުން ދައްކައިދެނީ ޓީމުގެ އެކުވެރިކަން ކަމަށެވެ.
"އަހަރުމެން އެތައް މަހެއް ވަންދެން ކުރި މަސައްކަތް ރަނގަޅުކަން މެޗުގައި ފެނިގެން މިދިޔައީ. އަހަރުމެން ޓީމަށް ބަލާއިރު އެއް ކަމެއް ރަނގަޅު ކުރާނަމަ ކުރަން ޖެހޭ ކަމަކީ ފިނިޝިން ރަނގަޅު ކުރުން. ބައެއް ފަހަރު ކްރޮސްތައް ނަގާ. އެކަމަކު އެ ބޯޅަތައް ދަނީ ވައިގެން ތެރެއިން ބޭރަށް. މިކަންކަން ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުރަން ޖެހޭނެ،" އެމާސް ބުންޏެވެ.
އައިވަރީ ކޯސްޓަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.
މި މުބާރާތުގައި ބުރުނީކިފާސޯ އާއި އީކުއޭޓޯރިއަލް ގިނީ ކުޅުނު މެޗު 2-1އިން ކާމިޔާބު ކުރީ ބުރުނީކިފާސޯ އެވެ.