ކޮންމެ އިންސާނަކަށްވެސް ސާފު ވެއްޓެއްގައި ދިރިއުޅުމުގެ ހައްޤު ލިބެންޖެހޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗުއާރުސީއެމްގެ މެމްބަރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ރަމީލާ މިހެން ވިދާޅުވީ، އެޗްއާރުސީއެމުން ބޭއްވި "އެޗްއާރްސީއެމް-ސީއެފްއޯ ޕާޓްނަރޝިޕް ފޯރަމް" ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ތިމާވެށީގެ މައްސަލަތަކާއި އިންސާނީ ހައްގުތަކާ ހުރި ގުޅުމާ ބެހޭގޮތުން މަދަނީ ޖަމްއިއްޔާތަކަށް އަމާޒުކޮށްގެން ބޭއްވި އެޗްއާރްސީއެމް ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްގެ މެމްބަރު ޑރ. ޢާއިޝަތު ރަމީލާ ވަނީ މުޖުތަމަޢުގެ ކުރިއެރުމުގައި މަދަނީ ޖަމްއިއްޔާތަކުން އަދާކުރާ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޑރ. ރަމީލާ ވިދާޅުވީ، މި ފޯރަމް އަމާޒުކުރެވިގެން ދިޔަ ދާއިރާއަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢު ތަޙައްމަލު ކުރަމުންދާ ކަންތައްތަކަށް ބަލާއިރު ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. ޚާއްޞަކޮށް ސާފު ތިމާވެއްޓެއްގައި އުޅުމުގެ ހައްގަކީ އިންސާނީ ހައްގެއްގެ ގޮތުގައި ކަނޑައެޅުމަކީ، ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ އަސަރު ބޮޑުކަން ހާމަވާ ކަމެއްގެ ގޮތުގައި ރަމީލާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ އަސަރުތަކަށް ބަލާއިރު ނާޒުކު ގައުމެއްކަން ފާހަގަކުރައްވަމުން ޑރ. ރަމީލާ ވިދާޅުވީ، ގުދުރަތީ ބަދަލުތަކުގެ އިތުރުން އިންސާނުންގެ އަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރަންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ތަނެއްގެ ގޮތުގައި ބޭއްވުމަކީ އެންމެންގެ ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ. ޑރ. ރަމީލާ ވިދާޅުވީ، މަދަނީ ޖަމްޢިއްޔާތަކާއެކު މިފަދަ ފޯރަމްތައް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ތިމާވެއްޓާއި އިންސާނީ ހައްގުތަކާ އޮތް ގުޅުމަށް ޖަމްޢިއްޔާތައް އަހުލުވެރިކުރުވުން ކަމަށެވެ.
"ތިމާވެށީގެ ގިނަ މައްސަލަތައް އަތޮޅު ތެރޭގައި އަދި މާލޭގައި ފާހަގަކުރެވިގެންދާއިރު ޖަމްޢިއްޔާތަކަކީ އިސްނަގައިގެން މިފަދަ މައްސަލަތަކުގައި މަސައްކަތް ކުރެވިދާނެ މުހިންމު ފަރާތްތަކެއް. ތަރައްޤީގެ މަޝްރޫޢުތައް ރޭވިފައިވާ ގޮތާއި މަޝްރޫޢުތައް ކުރިއަށްދާގޮތުގެ މައުލޫމާތުތައް ހޯދައި ތިމާވެއްޓަށް އަސަރުކުރާ ކަންތައްތައް ވީހާވެސް ކުޑަކޮށް އަދި މިފަދަ ކަންތައްތަކުން ދުރުހެލިވުމަށް ވީހާވެސް ބޮޑަކަށް ބާރުއަޅައި ބަޔަކަށް މަދަނީ ޖަމްޢިއްޔާތަކުން ވާންޖެހޭ" ޑރ. ރަމީލާ ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތައް ރޭވިފައިވާ ގޮތާއި މަޝްރޫޢުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހޯދައި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބާރުއަޅާ ބަޔަކަށް މަދަނީ ޖަމްޢިއްޔާތައް ވާންޖެހޭ ކަމަށް އެޗްއާރްސީއެމްގެ މެމްބަރު ވިދާޅުވިއެވެ. މީގެ އިތުރުން، ރައްޔިތުން މިފަދަ މައްސަލަތަކަށް ހޭލުންތެރިކުރުވުމުގައިވެސް އެންމެ ބޮޑު ރޯލެއް އަދާކުރެވޭނީ މި ޖަމްޢިއްޔާތަކަށް ކަމަށްވެސް އެޗްއާރްސީއެމްގެ މެމްބަރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވިއެވެ.
އެޗްއާރްސީއެމް-ސިއެފްއޯ ޕާޓްނަރޝިޕް ފޯރަމްގެ މަޤްސަދަކީ، ކޮމިޝަނާއި މަދަނީ ޖަމްޢިއްޔާތަކާއި އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވިގޮތެއްގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ މާޙައުލެއް ޤާއިމުކޮށް އިންސާނީ ޙައްގުތަކާއި ގުޅުންހުރި ދާއިރާތަކުން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމެވެ. މި ފޯރަމް ކުރިއަށްގެންގޮސްފައިވަނީ ދެދުވަހުގެ މުއްތަަދަށް މީރުމާ ހޯލުގައެވެ.
އެޗްއާރްސީއެމުން ވިދާޅުވީ، މިފަހަރުގެ ހިއުމަން ރައިޓްސް ފޯރަމްގައި ތިމާވެއްޓާއި އިންސާނީ ހައްގުތަކުގެ ގުޅުމުގެ އިތުރުން މުޖުތަމަޢާއި ތިމާވެށީގެ ޙައްގުތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވާކަމަށެވެ. މިފޯރަމްގައި އެޗްއާރްސީއެމާއި ޔޫއެންޑީޕީ ތަމްސީލުކުރާ އެކި ފަރާތްތަކާއެކު 63 ބޭފުޅުން ބައިވެރިވާކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ. މާލެ ސަރަޙައްދުގެ 26 މަދަނީ ޖަމްޢިއްޔާއާއި އަތޮޅުތަކުގެ ރަށްތަކުން 14 ޖަމްޢިއްޔާ ބައިވެރިވެއެވެ.
ކޮންމެ އަހަރަކުވެސް ވަކި ތީމެއްގެ ދަށުން ކުރިއަށްގެންދާ މި ފޯރަމުގެ މި އަހަރުގެ ތީމު ބިނާކޮށްފައިވަނީ މުޖުތަމަޢާއި ތިމާވެށީގެ ޙައްގުތަކުގެ މުހިއްމުކަމުގެ މައްޗަށެވެ. އެގޮތުން މިފޯރަމްގެ މިފަހަރުގެ މަޢުޟޫއަކީ "ބަދަލުވަމުންދާ މޫސުމީ ޙާލަތުގައި ޙައްގުތައް ރައްކާތެރިކުރުން: ވިޔަފާރި، ތިމާވެށީ އަދި ޖަވާބުދާރީވުން" މިއެވެ.