ކުޅިވަރު

އިސާކް އޮޕަރޭޝަން ކޮށްފި، ދެން ކުޅެވޭނެ އިރެއް ނޭނގެ!


ލިވަޕޫލްގެ ފޯވަޑް އެލެގްޒެންޑާ އިސާކްގެ ފައި އޮޕަރޭޝަން ކޮށްފި އެވެ.

އެނާގެ ފައި އޮޕަރޭޝަން ކުރީ ޓޮޓެންހަމް އަތުން މި ހަފުތާގައި ލިވަޕޫލް މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ. އެ މެޗުގައި ލިވަޕޫލަށް ލަނޑު ޖަހައިދިނުމަށްފަހު އޭނާ ކުޅުމާ ވަކިވީ އިތުރަށް ދަނޑުމަތީގައި ކެތްނުކުރެވިގެންނެވެ. އެއީ ގޯލް ޖެހި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމުގެ ކުޅުންތެރިއަކު ކުރި ޓެކްލްގެ ސަބަބުންނެވެ. ފަހުން ހެދި ޓެސްޓްތަކުން އެނގުނީ އިސާކްގެ ފައިގެ ކުޑަހުޅު ކައިރިން ކަޑިކޮޅެއް ބިންދައިގެންގޮސްފައިވާ ކަމަށެވެ.

އިނގިރޭސި ޕްރެމިއާ ލީގުގެ ރެކޯޑް އަގެއް ކަމަށްވާ 125 މިލިއަން ޕައުންޑަށް ނިއުކާސަލްއިން ލިވަޕޫލަށް ގެނައި ސްވިޑްން ފޯވަޑް ދެން އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ޔަގީނެއް ނޫނެވެ. ނަމަވެސް ލިވަޕޫލުން ބުނީ ޔަގީނުން ވެސް މި ސީޒަނުގެ ބޮޑު ބައެއް އޭނާ އަށް ގެއްލޭނެ ކަމަށެވެ.

އިސާކް ނެތުމަކީ ލިވަޕޫލަށް ކުރިމަތިވާނެ ބޮޑު މައްސަލައަކަށްވާނެ އެވެ. ސަބަބަކީ ޓީމުގެ ފޯވަޑެއްގެ ގޮތުގައި ދެން ހުރީ ފްރާންސްގެ ޒުވާން ފޯވަޑް ހޫގޯ އެކިޓިކޭ އެކަނި ކަމަށްވާތީ އެވެ. އަނެއްކޮޅުން މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ވެސް ވަނީ އެފްރިކަން ކަޕް ނޭޝަންސްގައި ކުޅެން ގައުމީ ޓީމާ ގުޅިފަ އެވެ.

މި ސީޒަނުގައި ފޯމު ކަޓާފައިވާ ލިވަޕޫލުން ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއް ކޮށްފައިވުމާއެކު ކުރިއަށް އޮތް ޖެނުއަރީ މަހު އިތުރު ފޯވަޑެއް ގެންނާނެ ކަމަށް ނުބުނެލެވެ އެވެ.