ދިވެހި ބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔަ އަދަބީ 4 މުބާރާތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މިއަހަރު ދިވެހި ބަހުގެ އެކަޑަމީން ވަނީ، އަދަބީ 4 މުބާރާތަކާއި އަތުލިޔުމުގެ މުބާރާތެއް ބާއްވާފައެވެ. އެގޮތުން މަޒުމޫނު ލިޔުމުގެ މުބާރާތުގައި 1099 މީހުން ބައިވެރިވެފައިވާއިރު، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 1024 މީހުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ޅެން ހެދުމުގެ މުބާރާތުގައި 526 މީހުން ބައިވެރިވެފައިވާއިރު، ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި 298 މީހުން ބައިވެރިވެފައިވެއެވެ. މިއާއެކު، މި މުބާރާތްތަކުގައި މުޅި ޖުމްލަ 3000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ދަށު ސާނަވީ ބަޔާއި، ސާނަވީ ބަޔާއި، މަތީ ސާނަވީ ބައިގެ އިތުރުން 18 އަހަރުން މަތީގެ އަމިއްލަ ފަރާތްތަކާއި، އޮފީސް، ކުންފުނި، ކުލަބު އަދި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެންނެވެ.
އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތުން، ދަށު ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ، ޝެއިޙް އިބްރާހީމް ސްކޫލުގެ ދަރިވަރު އީޝާ އަޙްމަދު ސިޔާމެވެ. ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ، ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފާތިމަތު ރަޢުފާ ރިޔާޒެވެ. އަދި މަތީ ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ، ސީއެޗްއެސްއީ ހުޅުމާލެ ދަރިވަރު އީޒާން ޢަލީއެވެ.
ދަށު ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލަަކަށް ހޮވިފައިވަނީ، ހުރަވީ ސްކޫލާއި ޝެއިޙް އިބްރާހީމް ސްކޫލެވެ. ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލަަކަށް ހުރަވީ ސްކޫލާއި، ށ.އަތޮޅު މަދަރުސާއަށް ލިބިފައިވާއިރު، މަތީ ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ސީއެޗްއެސްއީ ހުޅުމާލެއެވެ.
އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބޭއްވި ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ދަށު ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ، ޖަލާލުއްދީން ސްކޫލުގެ ދަރިވަރު ޒަކުވާން އަޙްމަދު އަބޫބަކުރެވެ. އަދި، ސާނަވީ ގިންތިން އެއްވަނަ މަގޫދޫ ސްކޫލުގެ ދަރިވަރު ފާތިމަތު އަފްނާންް މޫސާ ހާސިލްކޮށްފައިވާއިރު، މަތީ ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ އިހަވަންދޫ ސްކޫލުގެ ދަރިވަރު އާއިޝަތު ޒާނާ އަޙްމަދު ސިނާންއެވެ.
އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށުން އެއްވަނަ ހާސިލްކޮށްފައިވަނީ ށ. ފޯކައިދޫ މަރާމް، އާޔާ ބިންތު މުޙައްމަދެވެ. އަދި އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން މަތިން އެއްވަނަ ހާސިލްކޮށްފައިވަނީ ނުހާ ހަސަން، ރޯޒް ވުޑް ހދ. ކުޅުދުއްފުށިއެވެ.
މި މުބާރާތުގެ ދަށު ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ، ށ. އަތޮޅު މަދަރުސާއެވެ. އަދި ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލަކަށް ތާޖުއްދީން ސްކޫލް ހޮވުނުއިރު، މަތީ ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ސީއެޗްއެސްއީ މާލެއެވެ.
ހުތްޢަލި ދީދީގެ ވާދައިގެ ތަށްޓަށް ބޭއްވި ޅެން ހެދުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ ދަށު ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ، އަމީނިއްޔާ ސްކޫލުގެ ދަރިވަރު އައިޝަތު ރީޝަމް ހުޝާމެވެ. ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރު އާއިޝަތު ދީމާ އާދަމް ނަސީރެވެ. އަދި މަތީ ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ، އިހަވަންދޫ ސްކޫލުގެ ދަރިވަރު ޖަމީލަތު ޖަންނާއެވެ.
އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރާއިން އެއްވަނަ ހާސިލްކޮށްފައިވަނީ، ލ. ގަން، ޝަރުމާ ޢުމަރެވެ.
މި މުބާރާތުގެ ދަށު ސާނަވީ އަދި ސާނަވީ ގިންތިންވެސް އެއްވަނަ ސްކޫލަކަށް ޞަލާޙުއްދީން ސްކޫލް ވަނީ ހޮވިފައެވެ. އަދި މަތީ ސާނަވީ ގިންތިން އެއްވަނައަށް ހޮވިފައިވަނީ، އަރަބިއްޔާ ސްކޫލެވެ.
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި 38 ވަނަ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ، މުޙިއްދީން ސްކޫލުގެ ދަރިވަރު ހާއްވާ ހީރާއެވެ. ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ، ހަމަދު ބިން ޚަލީފާ އަލްސާނީ ސްކޫލުގެ ދަރިވަރު އާއިޝަތު ހުސްނު މުޙައްމަދެވެ. އަދި މަތީ ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ, ސީއެޗްއެސްއީ މާލޭގެ ދަރިވަރު އައިޝަތު ރާނާ ޢަލީއެވެ.
މި މުބާރާތުގެ ދަށު ސާނަވީ އަދި ސާނަވީ ގިންތިންވެސް އެއްވަނަ ސްކޫލަކަށް ޖަމާލުއްދީން ސްކޫލް ވަނީ ހޮވިފައެވެ. މި ސްކޫލު މިވަނީ މި ތަށި ވިދިގެން 5 އަހަރު ހާސިލްކޮށްފައެވެ. މި މުބާރާތުގެ މަތީ ސާނަވީ ގިންތިން އެއްވަނައަށް ހޮވިފައިވަނީ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ.
އަތު ލިޔުމުގެ މުބާރާތުން އަވަސް ތާނައިން އެއްވަނަ ލިބިފައިވަނީ ކ. ގުޅީ ސްކޫލުގެ އަޙްމަދު ސަޢީދުއަށެވެ. އަދި ރީތި ތާނަ ބައިން އެއްވަނަ އިކްރާމް މޫސާ ދ. މީދޫއަށް ލިބިފައިވާއިރު، ފަރުމާ ތާނަ ބައިން އެއްވަނަ ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ ޝިފާނާ މޫސާ ވަނީ ހާސިލްކޮށްފައެވެ.
މީގެ އިތުރުން، އަތު ލިޔުމުގެ މުބާރާތުން އަވަސް ތާނައިގެ ބައިން އެއްވަނަ އަމީނިއްޔާ ސްކޫލް ވަނީ ހާސިލްކޮށްފައެވެ. އަދި ށ. އަތޮޅު ކައުންސިލް އިދާރާއިން ރީތި ތާނައިގެ ބައިން އެއްވަނަ ހާސިލްކޮށްފައިވާއިރު، ފަރުމާ ތާނައިގެ ބައިން އެއްވަނަ ހާސިލްކޮށްފައިވާ އޮފީހަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނެވެ.
މި ރަސްމިއްޔާތުގައި އެކިއެކި މުބާރާތުގެ ގިންތިތަކުން އެންމެ މޮޅު 10 ދަރިވަރުންނަށްވެސް އިނާމް ހަވާލުކޮށްދެއްވާފައިވެއެވެ.
ޞަލާޙުއްދީން ސްކޫލްގެ ހޯލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، ދިވެހި ބަހަށް ޚިދުމަތް ކުރައްވާ ބަސް ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.