އިންޖީނު ހުއްޓި އޮޔާދިޔަ ދޯންޏެއް ހޯދައި، އޭގައި ތިބި މީހުން ފުލުހުން ސަލާމަތްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލައް ސިޓީން މަަސްބާނަން ނިކުމެ އުޅުނު "ސަވާރީ" ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު މިއަދު 15:50 ހާއިރު ލިބިފައިވާކަމަށެވެ.
މިކަމުގެ މަޢުލޫމާތު ފުވައްމުލައް ސިޓީ ޕޮލިހަށް ލިބުމާއެކު ފުލުހުން އެ ސަރަޙައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ފުލުހުންގެ ލޯންޗުގައި ފުވައްމުލަކަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެ މީހުންގެ ތެރޭގައި 7 އަންހެނުންނާއި ކުޑަކުއްޖެއް ހިމެނެއެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، އޮޔާދިޔަ ސަވާރީ ދޯނި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު މިހާރު ފުވައްމުލަކަށް ގެނެސްފައިވާކަމަށެވެ.