ޚަބަރު

މޯލްޑިވިއަނުން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ


  • 2 ޤައުމުގެ ދެމެދު ސީދާ ދަތުރުތައް ފަށާ ފުރަތަމަ ފަހަރު

  • ދަތުރުތައް ފަށަނީ މެއި މަހުގެ 17 އިން ފެށިގެން

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާއި ސީދާ ދަތުރުތައް ފަށާ ދެމެދު ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ ލީޑިންގ ޓްރެވެލް ކުންފުންޏެއްކަމަށްވާ 'ލަގްޒަރީ އެސްކޭޕްސް' އާއި ގުޅިގެންނެވެ. މި ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ މެލްބާންއިންނެވެ.

މި ދަތުރުތައް ފެށުމަކީ ޤައުމީ އެއަރލައިންއަށާއި ދިވެހިރާއްޖެއަށްވެސް ވަރަށް ތާރީހީ ކަމެއްކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ. މިއީ އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު އިތުރަށް ގުޅުން ބަދަހިވާނެކަމެކެވެ.

މިއީ މޯލްޑިވިއަނުން ސީޒަނަލްކޮށް ފަށާ ދަތުރުތަކެކެވެ. މި ދަތުރުތައް ފަށާނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. މި ދަތުރުތައް ހަފްތާއަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި ފްލައިޓްތައް ތާވަލުކުރެވިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކާ ގުޅުވައިގެންނެވެ. މީގެ ސަބަބުން ފަސިންޖަރުންނަށް މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކާއި ސީޕްލޭން ނެޓްވޯކްގެ ހިދުމަތްތަކުގެ ފައިދާ ލިބިގެންދާނެއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާއިއެކު ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޝް ވިދާޅުވީ، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެއްކަމަށެވެ. މީގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދި އިތުރުވެގެންދާނެކަމަށް އިޔާޝް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ދަތުރުތައް އޮސްޓްރޭލިއާއަށް ފެށުމަށް ނިންމާފައިވާއިރު، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ވަނީ 40,490 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 35،818 ފަތުރުވެރިންނާ އަޅާ ބަލާއިރު %13 އިތުރު އަދަދެކެވެ.

އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދަކަށް އައި ކުރިއެރުމާއެކު އެޤައުމުން މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ލިސްޓުން ޖާގަ ހޯދާފައެވެ.