ޚަބަރު

އެފްޑީސީގެ 4000 ފްލެޓުގެ ކުލި ރައީސް ކުޑަކޮށްދެއްވައިފި


  • 3 ކޮޓަރީގެ ކުލި 10،000 ރުފިޔާއަށް އަދި 2 ކޮޓަރީގެ ކުލި 6،000 ރުފިޔާއަށް ވަނީ ކުޑަކޮށްދެއްވާފައި

  • އެޑްވާންސްއަށް ދައްކަންޖެހޭ އަދަދުވެސް ރައީސް ވަނީ ކުޑަކޮށްދެއްވާފައި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ކުލިތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަކޮށްދެއްވައިފިއެވެ. ރައީސް މިކަން ހާމަކޮށްދެއްވީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްލެޓް ލިބިުނު ފަރާތްތަކަށް އެތަންތަން ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހައި ފްލެޓެއްގެ ކަންކަން ނިމި އެތަންތަން ވެރިފަރާތްތަކާއި ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މިތަންތަން ލިބުނު ފަރާތްތަކުގެ މިހާރު އޮތް އެންމެ ބޮޑު ޝަކުވާއަކީ ކުއްޔާއި އެޑްވާންސް ބޮޑުވުންކަމަށް ރައީސް ވިދާޅުވިއެވެ. 3 ކޮޓަރީގެ ފްލެޓް ލިބުނު ފަރާތްތައް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާއެވެ. އަދި 2 ކޮޓަރި ލިބުނު ފަރާތްތައް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 15،000 ރުފިޔާއެވެ.

ރައީސް ވިދާޅުވީ، 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ކުލި 10،500 ރުފިޔާއިން 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެކަމަށެވެ. އަދި 2 ކޮޓަރި ލިބުނު ފަރާތްތަކުގެ ކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމަށެވެ.

"3 ކޮޓަރި ލިބިފައި ހުރި ފަރާތްތަކުގެ މަހުން މަހަށް އޮންނަ އަގާއި އަދި މެއިންޓަނަންސްއާއި ހުރިހައި އެއްޗެއް އެއްކޮށް މިއޮތީ 10،500. އެ އަދަދު 10،000 ރުފިޔާއަށް ކުޑަކޮށް އަދި އެޑްވާންސް ޕޭމަންޓް 25،000 ރުފިޔާ 8،000 ކުޑަކުރެވިގެންދާނެ. ދެން ހަމަ އެއާއިއެކީގައި 7،000 ރުފިޔާ ދައްކަން މިއޮންނަނީ 2 ކޮޓަރީގެ ފަރާތްތައް އެފްޑީސީގެ ފްލެޓްތަކުގައި އެ އަދަދު މި ކުޑަކުރެވިގެންދަނީ 6،000 ރުފިޔާއަށް. ޓޯޓަލް މިހާރު ދައްކަންޖެހޭ އަދަދުން 1،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ. ހަމަ އެއާއިއެއްގޮތަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާ އަދަދުވެސް 1 މަހުގެ ކުއްޔަށްވާވަރަށް ކުޑަވެފައި އޮންނާނީ." ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޚިޔާލު ފާޅުކުރި ބައެއް އާންމު ރައްޔިތުން ވަނީ ފްލެޓްތަކުގެ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށްފައެވެ.

ރައީސް ވިދާޅުވީ، އެފްޑީސީގެ ފަރާތުން އެ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުން ރިވައިޒްކޮށް އައުކުރާނެކަމަށެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހިން ވިނަރެސް ފްލެޓްތައް ގަންނަން އެކި ފަރާތްތަކުން ވަނީ ލޯނުތައް ނަގާފައިކަމަށާއި އެ ފަރާތްތަކަށް ބީއެމްއެލްއިން ލުއިތަކެއް ދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައްވައިދިނުމަކީ އެންމެ އިސްކަންދޭ ކަންކަމުގައި ރައީސް އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ލުއިތައްވެސް ދަނީ ރައްޔިތުންނަށް ދެއްވަމުންނެވެ.