ޚަބަރު

ކުރީ ފުރޮޅު ހިއްލައިގެން ދުއްވި ސައިކަލެއް ޓޯކޮށް، ޖޫރިމަނާކޮށްފި


  • މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ރޭގެ ވަގުތެއްގައި

  • ނުރައްކާތެރިކޮށް ދުއްވަނިކޮށް ފެނުނީ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް

ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ހުޅުމާލޭގައި، ދުއްވި ސައިކަލެއް ފުލުުހުން ޓޯ ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ސައިކަލު ޓޯ ކޮށްފައިވަނީ ރޭ 22:30 ހާއިރު ކަމަށެވެ. ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ސައިކަލު ޓޯކުރީ، ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އެކަން ފާހަގަވެގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދިޔަ މިސައިކަލުގެ ދުއްވީ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ކަމަށެވެ. މިމައްސަލައާ ގުޅިގެން ސައިކަލް ޓޯކުރުމުގެ އިތުރުން ސައިކަލު ދުއްވަން އިން 20 އަހަރުގެ ފިރިހެން މީހާ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.

ފުލުހުން ވިދާޅުވެފައިވަނީ ހައިވޭ މަތީގައްޔާއި އެނޫންވެސް ސަރަހައްދުތަކުގައި މިގޮތަށް ދުއްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.